މީގެ ދެ ދުވަސް ކުރިން ފެށިގެން ކެލިފޯނިއާގައި ރޯވެ އަނދަމުންދާ އަލިފާނުގެ ސަބަބުން ޖަންގަލީގެ ބޮޑު ސަރަޙައްދެއް އަނދާ އަޅިއަށް ވެއްޖެ އެވެ.
އެކި ސަރަހައްދުތަކުން ގާތްގަނޑަކަށް 953،000 އަކަމީޓަރު އަނދާފައިވާ އިރު، ކޮލޮރާޑޯއިން އެކަނި 150،000 އަކަމީޓަރަށް ވުރެ ބޮޑު ސަރަޙައްދެއް ވަނީ އަނދާ ހުލިވެފައެވެ.
ބައިނަލްއަޤުވާމީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަލިފާން ރޯވުމުގެ 49 ހާދިސާއެއް ރިޕޯޓްކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ބޮޑު ނުރައްކަލެއް އޮތީ ކެލިފޯނިއާއަށް ކަމަށެވެ.
މީގެ ކުރީގެ އަލިފާނުގެ ބޮޑު ކާރިސާގައި އެތައް ބިލިޔަން ޑޮލަރެއްގެ ގެއްލުން ވަނީ ކެލިފޯނިއާއަށް ލިބިފައެވެ. މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކެލިފޯނިއާގެ އެކި ސަރަހައްދުތަކުގައި އެތައް ފަހަރެއްގެ މަތިން އަލިފާން ރޯވުމުގެ ހާދިސާތައް ހިނގާފައި ވެއެވެ. މިދިޔަ ޖުލައި މަހު ވެސް ވަރަށް ބޮޑަށް ރޯވެ ބޮޑު ސަަރަަޙައްދެއް އަނދާފައި ވެއެވެ.
މި އަހަރު ކެލިފޯނިއާގައި މިގޮތަށް އެކި ފަހަރު މަތިން ހިނގި އަލިފާނުގެ ހާދިސާތަކުގައި، ދިހަވަރަކަށް މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމްވެ، އެތައް ހާސް ބަޔަކު ގެދޮރު ގެއްލިފައިވެއެވެ.
އެމެރިކާގެ ޖަންގަލިތަކުގައި އަލިފާން ރޯވެ އަނދަމުންދާއިރު، ކޮލޮރާޑޯގައި އަނދަމުންދާ އަލިފާނުގެ ސަބަބުން ދެ މީހަކު މަރުވެ 20 އަށް ވުރެ ގިނަ މީހުން ފިހި އެކިވަރުގެ އަނިޔާތައް ލިބިފައި ވެއެވެ.