މިލައުތުރު

ދިވެހި ދަނޑުވެރިކަން އޮޔާ ދަނީތޯ

ދަނޑުވެރިކަމަކީ ވެސް ވިޔަފާރީގެ ގިނަ ފުރުޞަތުތަކެއް އޮތް އިޤްތިޞާދީ ޞިނާޢަތެކެވެ. ދިވެހިރާއްޖެ އަކީ ވެސް އަންޒަމާނުން ސުރެން ވެސް ދަނޑުވެރިކަން ކުރާ ރައްޔިތެއް ދިރިއުޅޭ ޤައުމެކެވެ. އަދި ބިމާއި ވެއްޔާއި ފެންފަށަލަ ވެސް ހުންނަ ގޮތުން ޢާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހެއްދުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެހެން ނަމަވެސް މިހާރު ދިވެހި ދަނޑުވެރިކަން ވެސް ބިދޭސީ ދަނޑުވެރިކަމަކަށް ބަދަލުވެއްޖެއެވެ. ދަނޑުވެރިކަން ކުރަން ބޭނުންކުރާ އިންޕުޓު ވަޞީލަތްތައް އެތެރެ ކުރަނީ އެމީހުންނެވެ. ދަނޑުވެރިކަން ކުރަނީ އެމީހުންނެވެ. އެތަކެތި އެއްތަނުން އަނެއް ތަނަށް އުފުލުމާއި، ގުދަންކުރުމާއި، ގަނެ ވިއްކުމުގެ އެންމެހާ ވިޔަފާރިއެއް ކުރަނީ ވެސް ހަމަ އެމީހުންނެވެ. މިހާރު ދެން ދިވެހީން ކުރަނީ ކޮން ކަމެއް ބާއޭ ސުވާލު އުފެދޭ ދަރަޖައަށެވެ.

ދަނޑުވެރިކަން ތަރައްޤީ ކުރުމުގެ ނަމުގައި ސަރުކާރުން އުފެއްދެވި ކުންފުނި ވުޖޫދުވިތާ ވެސް 3 އަހަރު ފުރި 4 އަހަރަށް ދަނީއެވެ. ދަނޑުވެރިކަމުގެ ޞިނާޢަތު ތަރައްޤީކުރަން ކުރެވުނު ކަމެއް، ނެރެވުނު ނަތީޖާއެއް ނެތެވެ. އެކި ދުވަސް ވަރުގައި ވެރިންގެ ގޮތުގައި ތިބޭ މީހުންގެ ޖީބު ބޮޑުވުން ފިޔަވާ ވީކަމެއް ހަރާމުން ހަރާމެވެ. ރައްޔިތުންގެ އުންމީދުތައް ވެއްޔަށްވުމުގެ އިތުރުން އެމީހުން ދައްކާ ޓެކްސް ފައިސާ އިން ބޮޑު އިސްރާފެއް ކުރެވުނީއެވެ. ދަމާކަނޑާ އުޞޫލުން ރަށް ރަށުން ދަނޑު ގޮވާމުގެ ބާވަތްތައް ގަތުމަށް ފަހު، ނުއަގުގައި ވިއްކުމާއި، ފީކުރުމަށް ފަހު އުކާލުން ނޫން ކަމެއް މިހާތަނަށް ކުރެވިފައެެއް ނެތެވެ. އެތަށް މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހެދި ފިނިކޮޓަރިތައް ހުރީ މަކުނު ވާފުރާ ކޮތަރު ބިސް އަޅާ ފަޅުގެތަކެއްގެ ގޮތުގައެވެ. ބަލައިލާނެ އިންސިއެއް، ފާޑެއް ކިޔާނެ މީހެއް، ކަން ބޮޑުވާ މީހެއް އަދަކު ނެތެވެ. ކޮންމެ މީހެއް ވެސް އެމީހަކަށް ފުދޭވަރު ވީމާ ގެއްލެނީއެވެ. އެއްވެސް ހަރުދަނާ ސިޔާސަތެއް، ތަޞައްވުރެއް ނުވަތަ ވިސްނުމެއް ނެތްތަނުގައި މީހެއްގެ އެހީތެރިކަމެއް އަމުދުން ބޭނުމެއް ނުވެއެވެ.

ދިވެހި ދަނޑުވެރިކަން އޮތީ އަތް ނުފޯރާހާ ދުރަށް ގެއްލިފައެވެ. އުފައްދާ މަދު ކާނާގެ ބާވަތްތަކުގެ ރައްކައުތެރިކަމާ މެދު އެއްވެސް ޔަޤީންކަމެއް ނެތެވެ. ދުނިޔޭގައި ލެއްވިހާ ކެމިކަލް ބާވަތްތައް ހިތުހުރި ވަރަކަށް އަޅައިގެން ހިންގާ ބިދޭސީންގެ ކިއްލާއަކަށް ދިވެހި ދަނޑުވެރިކަން ބަދަލުވެއްޖެއެވެ.

© 2023 milauthuru. All rights reserved.