ޝާން މުޙައްމަދު

އަންހެނުން ވިޔަފާރީގެ ތެރެއަށް ވެއްދުމަށް 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ

އަންހެނުންނަށް ހާއްސަކޮށްގެން 100 މިލިއަން ރުފިޔާގެ ލޯނަށް ހުޅުވާލާނެ ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ)އިން ބުނެފި އެވެ.

މިއީ އަންހެނުން ބާރުވެރިކުރުވައި ކުރިއެރުވުމުގެ ބޭނުމުގައި، އެމީހުންނަށް ހާއްސަކޮށްގެން ދޫކުރާ 100 މިލިއަން ރުފިޔާގެ ލޯން ސްކީމެކެވެ. އެސްޑީއެފްސީން ބުނީ މި ލޯނު ސްކީމަށް ކުރިމަތިލުމުގެ ދެވަނަ ފިޔަވަހި މިމަހު 15ގައި ހުޅުވާލާނެ ކަމަށެވެ.

”ފަށާ މަދަދު“ ލޯން ސްކީމްގެ 25 އިންސައްތަ ހާއްސަކޮށްފައި ވަނީ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.

މި ލޯނުން ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވަނީ، އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ހިދުމަތް ލިބިދިނުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށް ކަމަށް އެސްޑީއެފްސީން ބުންޏެވެ.

މި ސްކީމުގެ ދަށުން ހަ އިންސައްތަ އިންޓްރެސްޓް ރޭޓުގައި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 500،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 12 މަސް ދުވެހުގެ ގްރޭސް ޕީރިއަޑެއް ލިބެއެވެ. އަދި ހަތް އަހަރު ދުވަހަަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެ ގޮތް އެސްޑީއެފްސީން ވަނީ ހަމަޖައްސާފަ އެވެ.

މި ލޯނު އެންމެ ފުރަތަމަ ފަހަރަށް ދޫކޮށްފައި ވަނީ މިދިޔަ އަހަރުގެ މާރިޗު މަހު އެވެ. އެ ފަހަރު 60 މީހަކަށް ލޯނު ދިން ކަމަށް އެސްޑީއެފްސީން ބުންޏެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟