15 އޮކްޓޯބަރަކީ ދިވެހިރާއްޖޭގެ ދަނޑުވެރިންގެ ދުވަހެވެ. ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖޫމްހޫރިއްޔާގެ ފަރާތްޕުޅުން ހީވާގި ދަނޑުވެރިންނަށް ދަންނަވާފައިވީ ނަމަވެސް ދައުލަތުގެ ދަނޑުވެރިކަމާބެހޭ ކުންފުނިން ވިންދެން ވެސް ޖަހާލިތަނެއް ނުފެނުނެވެ.
ދައުލަތުގެ ދަނޑުވެރިކަމާ ބެހޭ ކުންފުނި ކަމަށްވާ އެގްރޯ ނޭޝަނަލް ކުންފުނި ވަނީ އުވާލައްވާފައި “ތުކި” ކިއުއްވުމަށް ފަހު އަލުން ދިރުވާފައެވެ. އެހެން ނަމަވެސް ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދަނޑުވެރިކަމާބެހޭ ކުންފުނިން ރައްޔިތަކަށް ފައިދާ ވާނެ އެއްވެސް ކަމެއް ކުރައްވާފައެއް ނެތެވެ. އެހެން ނަމަވެސް ޚަބަރުތައް ލިބޭގޮތުގައި މަހެއްގެ މައްޗަށް 3 މިލިޔަނެއްހާ ރުފިޔާ ހަމައެކަނި މުސާރައިގެ ގޮތުގައި ޚަރަދުވާ ކަމަށް ވެއެވެ.
އެގްރޯނެޓަކީ ފާއިތުވި އެމްޑީޕީ ސަރުކާރުގައި އުފެއްދެވި ވިޔަފާރި ކުންފުންޏެކެވެ. އެދުވަސްވަރުގައި ދަނޑުވެރިކަން ތަރައްޤީ ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެއްވި އެވެ. އަދި ވަޞީލަތްތަކެއް ވެސް ޤާއިމުކުރެއްވި އެވެ. އެގޮތުން 9 ޑިސްޓްރިބިއުޝަން ސެންޓަރު ބިނާކުރި އެވެ. އެހެން ނަމަވެސް އެތަން ތަން ވެސް މިހާރު ވަނީ ވީރާނާވެ ހަލާކުވެފައެވެ. އެއީ ޖަޕާނު ސަރުކާރާއި ޔޫއެންޑީޕީން 20 މިލިޔަން ރުފިޔާ ހޭދަކުރައްވާފައިވާ ވަޞީލަތްތަކެކެވެ.
ދަނޑުވެރިންގެ ދުވަހު ފެންނަނީ ކުރިން ދަނޑުވެރިކަން ތަރައްޤީކުރުމަށްޓަކައި ޤާއިމުކުރި ވަޞީލަތްތައް ވީރާނާވެ، އިސްރާފު ވެގެންދާ ހިތާމަވެރި މަންޒަރުތަކެވެ. އަދި ދަނޑުވެރިއަކަށް މަންފާއެއް ލިބޭނެ ފަދަ އެއްވެސް ހަރުދަނާކަމެއް ނެތި، ދައުލަތުގެ މާލިއްޔަތުން ކޮންމެ މަހަކު އެތައް މިލިޔަން ރުފިޔާއެއް އިސްރާފު ވެގެންދާ މަންޒަރެވެ. ބޮޑެތި މުސާރަތައް ލިބޭ ސިޔާސީ މަޤާމުތަކުގައި އެއްވެސް މަސައްކަތެއް ނުކޮށް ތިބެގެން ކުންފުނި އަޑިއަށް ދުއްވާލާ މަންޒަރެވެ.


ކިޔުންތެރިންގެ ހިޔާލު