ރައީސް ޑރ. މުޙައްމަދު މުޢިއްޒު ލ. ކުނަހަންދޫ އަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންނަށް ލިބުނީ ފުރަތަމަ ފަހަރަށް ރައީސަކު ޒިޔާރަތްކުރި ކަމުގެ އުފަލެވެ. އަދި އެކަމުގެ ޝުއޫރުތައް މީޑިއާއަށް ބަންޑުން ކޮށްލާ، ތައުރީފުތައް އޮއްސާލި އެވެ.
ކުނަހަންދޫން ޝުއޫރު ފާޅުކުރި މީހުން ބުނިގޮތުގައި މީގެ ކުރިން ދުވަހަކު ވެސް ރައީސަކު އިންތިޚާބު ވުމަށްފަހު، އެ ރަށަށް ޒިޔާރަތްކުރައްވާފައެއް ނުވެއެވެ. އެހެންކަމުން ޑރ. މުޢިއްޒު އަކީ އެރަށަށް ޒިޔާރަތްކުރެއްވި ފުރަތަމަ ރައީސެވެ. އަދި ކުނަހަންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝަކީބު ވިދާޅުވީ ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބީ ވެރިޔަކު އެރަށަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.
މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ވެސް، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު ވެސް އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވެސް، އެބޭފުޅުންގެ ވެރިކަމުގައި ކުނަހަންދޫ އަށް ވަޑައިގެންފައި ވެއެވެ. އެހެންކަމުންް ކުނަހަންދޫ މީހުން މިކިޔާ އެއްޗަކާ މެދު ބަހުސްކުރަން ވަނީ ފެށިފައެވެ.
ކުނަހަންދޫން ޝުއޫރު ފާޅުކުރި އެންމެން ވެސް ޤަބޫލުކުރާ ގޮތުގައި ޑރ. މުޢިއްޒަކީ އެރަށަށް ވަޑައިގެންނެވި ފުރަތަަމަ ރައީސެވެ. އެހެންކަމުން އެމީހުން ތިބީ ވަރަށް ބޮޑަށް އުފަލުންނެވެ. އަދި ބައެއް މީހުން އެންމެ ދެރަވަނީ ރައީސާއެކު ސެލްފީއެއް ނަގަން ވެސް ހަނދާން ނުވުމުންނެވެ.
ކިޔުންތެރިންގެ ހިޔާލު