އެމް-ފައިސާ/ޕޭޕަލް އެކައުންޓުތަކުން ކުރާ މުއާމަލާތްތަކަށް ނަގަނީ ބޮޑު އިދާރީ ފީއެއް

މިލައުތުރު | 20 ޖޫން 2026 | ރިޕޯޓު

މަރުކަޒީ ގޮތެއްގައި ސަރުކާރު ޑިޖިޓަލައިޒް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް އަމިއްލަ ގޮތުން ތާއީދުކުރި ނަމަވެސް ޕޭޕަލްގެ ހިދުމަތް ތައާރަފުކުރި ގޮތުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް އައިޓީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މުޙައްމަދު ޖައިލަމް ވިދާޅުވެއްޖެ އެވެ.

އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި ވަރަށް ތަފްޞީލްކޮށް ލިޔެފައިވާ ލިޔުމެއްގައި ވަނީ، އެއްވެސް ކަމެއްގައި ކަނުލޯ މަރައިގެން މީހުންނަށް އިތުބާރު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި ޕޭޕަލް (PayPal) އާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހޯދާ ބެލުމުގެ ބަދަލުގައި، މީޑިއާތަކުން އެ ވާހަކަތައް އެއީ އެންމެ ފުރިހަމަ ހަގީގަތް ކަމުގައި ފަތުރާކަމީ ދެރަކަމެކެވެ.

Advertisement

އައިޓީ ދާއިރާގެ ފަންނީ މީހެއްގެ ހައިސިއްޔަތުން، އެމް-ފައިސާ (m-Faisaa) އާއި ޕޭޕަލް ގުޅުވައިލުމުން ލިބޭނެ ހިދުމަތްތަކުގެ ތަފްސީލާއި، އުރީދޫ މޯލްޑިވްސް އިން ހާމަނުކުރާ މައުލޫމާތުތައް ކިޔައިދީފައި ވެއެވެ. އަދި މިހާތަނަށް ހާސިލުކުރެވިފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވަމުން މިއީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދަށް އެޅުނު މުހިންމު ފިޔަވަޅެެއްގެ ގޮތުގައި ސިފަކުރައްވާފައި ވެއެވެ. އެހެންނަމަވެސް، މިއީ އަދި ފުދޭވަރެއް ނޫން ކަމަށާއި، މީޑިއާތަކުން ފަތުރާ ޕްރޮޕެގަންޑާތަކުން މިކަމުގެ ހަގީގީ މަންޒަރު ރައްޔިތުންނަށް ސާފެއް ނުވެއެވެ.

އެމް-ފައިސާއާ ގުޅިފައިވާ ޕޭޕަލް އެކައުންޓުތަކަށް ބޭރުގެ އެހެން ޕޭޕަލް އެކައުންޓަކުން މިހާރު ޑޮލަރުން ފައިސާ ލިބޭނެއެވެ. މިގޮތަށް ފޮނުވާ ކޮންމެ މުއާމަލާތަކުން %3 އާއި %4 އާ ދެމެދުގެ އިދާރީ ފީއެއް ނަގާނެއެވެ. މި ފައިސާ އެކައުންޓުން ނެގުމުގައި ނުވަތަ ރާއްޖޭގެ ބޭންކުތަކަށް ޓްރާންސްފަރ ކުރުމުގައި ނަގާ އިތުރު “ފޮރުވިފައިވާ” ހަރަދުތަކާ ގުޅޭގޮތުން އުރީދޫ އިން ތަފްސީލު ދީފައެއް ނުވެއެވެ. އަދި މިހުރިހާ ހަރަދުތަކާއެކު މިއީ އަމަލީ ގޮތުން ބޭނުންކުރަން ފަސޭހަ ނުވަތަ ފައިދާހުރި ގޮތެއް ނޫނެވެ.

އަދި ފައިސާ ލިބެނީ ހަމައެކަނި ބޭރުގެ އެކައުންޓުތަކުން ރާއްޖޭގެ އެކައުންޓުތަކަށް ފޮނުވުމުންނެވެ. ރާއްޖޭގެ އެކައުންޓަކުން ރާއްޖޭގެ އެހެން އެކައުންޓަކަށް ޕޭޕަލް މެދުވެރިކޮށް ފައިސާއެއް ނުފޮނުވޭނެއެވެ. ފައިސާ ލިބޭނީ ވެސް ހަމައެކަނި އަމިއްލަ (Personal)  އެކައުންޓުތަކަށެވެ. ވިޔަފާރި އެކައުންޓުތަކަށް (Business/Merchant accounts) މި ހިދުމަތެއް އަދި ނުލިބެއެވެ. މީގެ މާނައަކީ ޕޭޕަލްގެ އެންމެ ބޭނުންތެރި އަދި މުހިންމު ބައިތައް ކަމަށްވާ އިންވޮއިސް ކުރުމާއި، ޗަންދާކުރުމާއި، ފައިސާ ދެއްކޭ ލިންކް އުފެއްދުމާއި، ޕޭމަންޓް ގޭޓްވޭގެ ހިދުމަތެއް ވެސް ނުލިބެއެވެ. އަދި މިއީ ޕޭޕަލް އިން ހޯދެން ހުރި އެންމެ މުހިއްމު ހިދުމަތްތަކެވެ.

ބައެއް ޕްލެޓްފޯމްތައް މިސާލަކަށް (Patreon) މެދުވެރިކޮށް އެމް-ފައިސާ/ޕޭޕަލް އެކައުންޓަށް ފައިސާ ލިބުނު ނަމަވެސް، ޓިކްޓޮކް ފަދަ ގިނަ ބަޔަކު ބޭނުންކުރާ މުހިންމު މަންސަތަކުން އަދިވެސް މި އެކައުންޓުތަކެއް ބަލައެއް ނުގަނެއެވެ. މި ހިދުމަތަކީ ބޭނުންތެރި އެއްޗަކަށް ހެދުމަށްޓަކައި މިކަންކަން އިސްލާހުވާން ޖެހެއެވެ. އެހެންކަމުން މިއީ އަދި އެންމެ ފުދޭވަރެއް ނޫންކަން ފާހަގަކޮށްފައި ވެއެވެ. ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ލިބިއްޖެ ކަމަށާއި ވީ ވައުދު ފުއްދަވައިފި ކަމަށް އިއުލާން ކުރުމަކުން އަދި ނުފުދެއެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި ޒުވާނެއްގެ ހައިސިއްޔަތުން، ޕޭޕަލް ރާއްޖެއަށް ލިބުނު ހަބަރާއެކު ވަރަށް ވަރަށް ބޮޑަށް އުފާވި ކަމަށާއި، އޭނާ މުޅިން އަލަށް އުފެއްދި “speak2fill.ai” ޕްލެޓްފޯމްގައި ޕޭޕަލް ގޭޓްވޭވެސް ވަނީ ހިމަނާފައެވެ. ނަމަވެސް، އެއްވެސް ފައިސާއެއްގެ މުއާމަލާތެއް ނުކުރެވުމުން، ސިޔާސީ ބޭފުޅުން ދެއްކެވި ވާހަކަތަކަކީ ޙަޤިޤީ ވާހަކަތަކެއް ނޫންކަން އެނގި މާޔޫސްވެއްޖެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.