ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ނުވަތަ މެޑަމް ސާޖިދާ މުޙައްމަދު އަކީ އެކަމާގެ މަތިވެރި އަޚުލާގާއި ހިންގުންތެރިކަމާއި ވިސްނުންތޫނު ކަމާއި އެންމެ އާދައިގެ އާންމު ރައްޔިތު މީހާއާވެސް ގާތް ގުޅުން ބާއްވަވައި ހިތްހެޔޮ ކަމާއެކު ވާހަކަ ދައްކަމާ ހައްދަވާ ނަމޫނާ ކަނބަލެކެވެ. މިފަދަ އެތައް ސަބަބުތަކަކާހުރެ، އެ ކަމަނާއަކީ ގައުމީ ފެންވަރުގައްޔާއި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވާ ބޭކަނބަލެކެވެ.
މެޑަމް ސާޖިދާގެ ޝަޚްސިއްޔަތުގެ އެންމެ އަސާސީ ބިންގަލަކީ އިސްލާމްދީނެވެ. އެކަމަނާ އަބަދުވެސް ހަނދާންކޮށްދެއްވަނީ ހަގީގީ އުފާވެރިކަން ވަނީ އީމާންތެރިކަމުން ފުރިފައިވާ ހިތެއްގައި ކަމުގައެވެ. އެކަމަނާގެ މި ހިޔާލުފުޅުން ދައްކުވައިދެނީ، އުފާވެރިކަމަކީ ހަމައެކަނި އިންސާނާގެ ބޭރުފުށުގެ ހާލަތަށް ބިނާވެފައިވާ ކަމެއް ނޫންކަމެވެ. އަދި އެއީ ދަތިކަމުގެ ތެރެއިން މީސްތަކުންނަށް މަގުދައްކައިދޭ އެތެރެފުށުގެ ބާރެއް ކަމަށް އެކަމަނާ ގަބޫލުކުރައްވާ ކަމެވެ. އެކަމަނާގެ އުންމީދާއި، ކެތްތެރިކަމަކީ ދަތި ހާލަތްތަކުގައި ވެސް އުންމީދަށް ބާރުއެޅުމަށް ދިވެހިންނަށް ހިތްވަރުދޭ ކަމެކެވެ.
މެޑަމް ސާޖިދާގެ ޝަޚްސިއްޔަތުން ފެނިގެންދަނީ އަޅާލުމާއި، ހަމްދަރުދީއެވެ. އޯގާތެރިކަމާއި ރަހުމްކުރުމެވެ. ކުލުނެވެ. އެކަމަނާ ފާހަގަކުރެވެނީ ނަފްސާނީ ދުޅަހެޔޮކަމާއި، ރޫޙާނީ ހަމަޖެހުމާއި، ދިރިއުޅުމުގެ ކަންކަން ހަމަޖައްސައިގެން ގެންދިއުމުގެ މުހިންމު ކަމަށް އަބަދުވެސް އިސްކަން ދެއްވާ ބޭކަނބަލެއް ގޮތުގައެވެ. ސައިބަރ ބުލީ އާއި، ކުޑަކުދިންގެ ކުށްތަކާއި، ނުވަތަ ތުއްތުކުދިންގެ ކާނާގެ ސަލާމަތީ ކަންކަން ހައްލުކުރުމަށް އެކަމަނާ ކުރައްވާ މަސައްކަތްތަކުން ދައްކުވައިދެނީ، ރައްކާތެރިކަމާއި، އެހީތެރިކަން ލިބިގެންވާ މުޖުތަމައެއް ބިނާކުރުމަށް އެކަމަނާ ބުރަ މަސައްކަތްޕުޅެއް ކުރައްވާ ކަމެވެ.
ޞިއްޙީ ދާއިރާގައި އެކަމަނާގެ ލީޑަރޝިޕް ފުޅާވެފައިވެއެވެ. ހާއްސަކޮށް އާއްމު ޞިއްޙަތުގެ ދާއިރާއިންނެވެ. މިގޮތުން، އެކަމަނާއަކީ ވޮލަންޓަރީ ޞިއްޙީ ޖަމްޢިއްޔާއެއް އުފައްދަވައި މަސައްކަތްޕުޅުތަކެއް ކުރައްވާ ބޭކަނބަލެކެވެ. ރައްޔިތުންގެ ދުޅަހެޔޮކަމަށް އިސްކަންދެއްވުމުން، އެކަމަނާ ދައްކުވައިދެއްވަނީ، ހަމްދަރުދީ އާއި އަޅާލުމަކި ހަމައެކަނި އަމިއްލަ ސިފައެއް ނޫންކަމާއި، ގައުމީ ތަރައްޤީއަށް މަގުދައްކައިދޭ އަސާސީ އުސޫލެއް ކަމެވެ. މުޖުތަމައުގެ ފަރުދުންގެ ޟިއްޙަތަށް އެކަމަނާ ބަހައްޓަވާ ސަމާލުކަމާއި އެއްވަރަށް އެކަމަނާއަކީވެސް ހަރަކާތްތެރިވުމާއި ހެލިފެލިވެ އުޅުމުގައި ރައްޔިތުންނަށް ނަމޫނާއެކެވެ. ބޮޑާކަމެއް ކިބުރުވެރިކަމެއްނެތި ކުޅިވަރު ކުޅުއްވުމުގައި އެކަމަނާއަކީ ޝާމިލް ބޭކަނބަލެކެވެ.
މެޑަމް ސާޖިދާއަކީ އަންހެނުން ބާރުވެރިކުރުވުމަށް ނުފޫޒުގަދަ އަޑުފުޅެއް އިއްވާ ބޭކަނބަލެކެވެ. ރަންހިރު ދަރުބާރު ފަދަ ޕްރޮގްރާމްތަކުގެ ތެރެއިން، އެކަމަނާ ވަނީ އަންހެނުންނަށް ސިޔާސަތު ކަނޑައެޅުމުގެ ދާއިރާ އާއި، ލީޑަރޝިޕްގެ ރޯލުތަކަށް ވަނުމަށް ހިތްވަރު ދެއްވާފައެވެ. އެކަމަނާގެ ޝަޚްސިއްޔަތުން ދައްކުވައިދެނީ ހިތްވަރާއި ގަދަ އަޒުމެވެ. އަދި ދިވެހި އަންހެނުންގެ ކުރިމަގުގެ ގޮތުން، އޮތް ބައެއް ގޮންޖެހުންތަކަށް ގޮންޖައްސަވައި، އަންހެނުންނަށް އާ ދޮރުތަކެއް އެކަމަނާ ވަނީ ހުޅުއްވައިދެއްވާފައެވެ.
“މާކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް ސަމިޓް” ފަދަ ބައިނަލްއަގްވާމީ މަހާސިންތާތަކުގައި އެކަމަނާގެ ބައިވެރިވުމުން ދައްކުވައިދެނީ، ދިވެހި ޤައުމީ އަގުތަކާއި ބައިނަލްއަގުވާމީ ވިސްނުން ގުޅުވައިލެއްވުމުގެ ހުނަރެވެ. އަންހެނުންގެ ޞިއްޙަތާއި، ދަރިމައިވުމުގެ ސިއްހަތާއި ބެހޭގޮތުން ދިނުމަށް ހަމަޖެހިފައިވާ މައުލޫމާތުތަކާއި، ތަޢުލީމަށް ވަކާލާތުކުރެއްވުމުން ދައްކުވައިދެނީ އެކަމަނާގެ ހަމްދަރުދީއަށް އިމެއް ނެތް ކަމެވެ.
މެޑަމް ސާޖިދާ ފާހަގަކުރެވެނީ ކުޑަކުދިންގެ ހައްގުތަކުގެ ވާހަކަ ގަދައަށް ދައްކަވާ ކަނބަލެއްގެ ގޮތުގައެވެ. މީގެ އިތުރުން މައެއްގެ ހައިސިއްޔަތުން މެޑަމް ސާޖިދާ ނަމޫނާ މަންމައެކެވެ. ކުދިން ދެކެ އެހާމެ ލޯބިފުޅުވާ އަދި އެކުދިންގެ ރައްކާތެރި ކަމަށް އެހާމެ ފާރަވެރިވާ މަންމައެކެވެ. ރޭވުންތެރި ކަމާއިއެކު އާއިލާގެ ކަންކަން ތަރުތީބުކުރައްވާ އާއިލާށް ވަގުތުދެއްވާ، ކުދިންނއެކު އެކުވެރި މަޖާ ވަގުތުތަކެއް ހޭދަކުރައްވާ މެޑަމް ސާޖިދާ މުޙައްމަދަކީ ސަކަ މިޒާޖެއްގެ މަންމައެކެވެ.
މެޑަމް ސާޖިދާގެ ޝަޚްސިއްޔަތުގެ ހަގީގި ބާރަކީ ހިނިތުންވުމެވެ. އުފާވެރިކަމެވެ. އެކަމަނާއަކީ އަބަދުވެސް ކަންކަމާ ކުރިމަތިލުމުގައި ހިނިތުންވުމާއި އެކު ކުރިމަތިލައްވާ ބޭކަނބަލެކެވެ. ގޮންޖެހުންތަކާއި މަލާމާތްތަކާއި ފުރައްސާރައިގެ ކުރިމަތީގައި މަޑުމަތިރިކަމާއި ކެތްތެރިކަމާއެކު އެކަމަނާ ރައްދުދެއްވަނީ ހިނިތުންވުމަކާއި އެކުގައެވެ. އެކަމަނާ ގަބުލުފުޅުކުރައްވާ ގޮތުގައި ކެތްތެރިކަމަކީ ހަމައެކަނި އަމިއްލަ ޒާތީ ސިފައެއް ނޫނެވެ. މިއީ ގައުމީ ސިފައެކެވެ. ދިވެހިންނަށް ދިމާވާ ގޮންޖެހުންތަކުން އަނބުރާ ތެދުވެ، އުފާވެރިކަމާއި، އުންމީދާއެކު ކުރިއަށް ދިއުމަށް ހިތްވަރުދޭ ސިފައެކެވެ.
އަދުގެ މަހާރެހެންދި، ސާޖިދާ މުޙައްމަދުއަކީ އީމާންތެރިކަމާއި، ހަމްދަރުދީއާއި، ކެތްތެރިކަމާއި، ދުރުވިސްނުމުގެ ޝަޚްސިއްޔަތެކެވެ. އެކަމަނާއަކީ ހަމައެކަނި ދިވެހިރާއްޖޭގެ ފަސްޓް ލޭޑީއެއް ނޫނެވެ. އެކަމަނާއަކީ އަޚްލާޤީ ލީޑަރޝިޕްގެ ރަމްޒެކެވެ. އަންހެނުންނާއި ޞިއްޙީ ދާއިރާގެ ބަޠަލާއެކެވެ. އަދި ގައުމަށްޓަކައި އުންމީދުގެ ދިއްލާލެވުނު އަލިގަދަ ބައްތިއެކެވެ. އެކަމަނާގެ ބަސްފުޅުތަކުން ހިތްވަރުލިބެއެވެ. އަމަލުތަކުން ނުފޫޒު ފޯރުވައެވެ. އަދި އެކަމަނާގެ ޝަޚްސިއްޔަތު ފެންނަ ކޮންމެ މީހެއްގެ ހިތުގައި ނުފިލާނެ ފަދަ ނިޝާނެއް ބާއްވައެވެ. އެއީ އެކަމަނާގެ ސާދާ ހިނިތުންވުމެވެ.
ނޯޓް: މިއީ މުޙައްމަދު ހަލީމް ނަމަކަށް ކިޔާ ބޭފުޅަކު އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި ލިޔުއްވާފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު