ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން ގެންނެވި ހަރުދަނާ އަދި ބަދީލީ ބަދަލުތަކާއެކު ޑޮލަރުގެ އަގު މައްޗަށް ނާރާނެކަމުގެ ޔަޤީންކަން ދެއްވައި، އެކަމާ ސުވާލުކުރެއްވި ފަރާތްތަކަށް ގޮންޖައްސަވައި ވިދާޅުވި ގޮތާއި ޚިލާފަށް ޑޮލަރުގެ އަގު އަތްނުފޯރާފަށަށް މައްޗަށް އަރައިފި އެވެ.
ބެންކުތަކުން ޑޮލަރު ލިބުން ދަތިވެ ކަޅުބާޒާރުގައި މިއަދު ޑޮލަރެއްގެ އަގު އުޅެނީ 21 ރުފިޔާއާ ގާތުގައެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ޑޮަލަރުގެ އަގު އެންމެ މައްޗަށް އުފުލިގެންދިޔަ ދައުރު ކަމުގައި މިވަނީ ވެފައެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ކުރިންވެސް މި އިންޒާރު ވަނީ ދެއްވާފައެވެ. ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވީ އެވާހަކަތަކަށް ގޮންޖައްސަވާފައި، ރައްޔިތުންގެ ކުރިމަތީ މެޑަލް ޖައްސަވާށެވެ. އެހެން ނަމަވެސް އެެއްވެސް ހަރުދަނާކަމެއް ނެތް، ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތެއް ނެތް ސަރުކާރުން އިޢުލާން ކުރެއްވި ސިޔާސަތު އަތަށް ގޮވީއެވެ. ރައްޔިތުންގެ ރިހޭފައިމައްޗަށް އަނެއްްކާ ވެސް ފޮއި ވެއްޓުނީއެވެ.
ބޭންކުތަކަށް ސިޔާސީ ނުފޫޒު ވަދެ މުޅި ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ވަނީ ތުހުމަތު ކުރެވެން ފަށާފައެވެ. މީގެ ކުރީގައި ބޭންކުތަކަކީ އެއްވެސް ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ސީދާގޮތެއްގައި ބޭނުންކުރާ ތަންތަނެއް ނޫނެވެ. އެހެން ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ބޭންކުތަކަކީ ވެސް ސިޔާސީ އައްޑާތަކަކަށް ވެއްޖެ ފަދައެވެ. މީހުންގެ ނަފުރަތާއި ރުޅިވެރިކަން އޮތީ އިންތިހާއަށް ބޮޑުވެފައެވެ. ދިވެހީންގެ ބޭންކު ވެސް ސިޔާސީ ކުރެއްވީތީ އެވެ. ބޭކާރުގޮތުގައި ބޮޑެތި ޚަރަދުތައް ކުރުވީތީ އެވެ. ސިޔާސީ މެނިފެސްޓޯގައި އެތަން މެކުވީތީ އެވެ.

ކިޔުންތެރިންގެ ހިޔާލު