އައްޑޫސިޓީ ގަމުގައި ހިންގަމުން އަންނަ އީކްއޭޓަ ވިލެޖް ބަންކުރަން ނިންމައިފިއެވެ.
އީކްއޭޓަ ވިލެޖް ބަންދުކުރަން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ އެތަން އޮޕަރޭޓްކުރާ ކުންފުނި، ކައިމޫގެ ފަރާތުންނެވެ. އެގޮތުން އެ ކުންފުނިން ވަނީ އީކްއޭޓަ ވިލެޖްގެ މުވައްޒަފުންނަށް އެކަން އަންގައިފަ އެވެ. އެގޮތުން ނޮވެމްބަރު 1 އިން ފެށިގެން އީކްއޭޓަ ވިލެޖްގެ އޮޕަރޭޝަން ހުއްޓާލަން ނިންމާފައިވާ ކަމަށް މުވައްޒަފުންނަށް އަންގާފައިވެ އެވެ.
މި ރިސޯޓަކީ އައްޑޫގައި ހިންގަމުން އަންނަ އެންމެ ދުވަސްވީ ޓޫރިސްޓް ފެސިލިޓީއެވެ. އަދި މިތަނުގައި އައްޑޫގެ ގިނަ ރައްޔިތުންތަކެއް މަސައްކަތް ކުރަމުން އަންނަ އިރު
މިތަން ބަންދުކުރާތީ އެ މުވައްޒަފުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެތަނުގެ ބައެއް މުވައްޒަފުން ބުނާ ގޮތުގައި އީކްއޭޓަ ބަންދު ކުރަނީ އެތަން އޮޕަރޭޓް ކުރަން އެހެން ބަޔަކަށް ވިއްކާލުމުގެ ވިސްނުން ގެންގުޅޭތީއެވެ. އަދި ތަން ބަންދުކޮށްގެން ބޮޑު ރިނޮވޭޝަނަކަށް ދާން ނިންމާފައިވާތީ ކަމަށް މެނޭޖްމަންޓުން ބުނެފައިވާ ކަމަށްވެސް މުވައްޒަފުން ވަނީ ބުނެފައެވެ.
މި ރިސޯޓަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ވަރަށް ކައިރީގައި ހުންނަ ރިސޯޓެކެވެ. 90 ގެ އަހަރުތަކުގައި އޮޕަރޭޝަނަށް ގެނައި މި ރިސޯޓަކީ 78 ކޮޓަރީގެ ތަނެކެވެ. އީކްއޭޓަ ވިލެޖް ފުރަތަމަ ހިންގީ އޯޝަން ރީފްގެ ނަމުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު