އެމްޕީ ނާޒިމް އާއި އެމްޕީ ނައުފަލްގެ ސިޔާސީ ކޯޅުމެއްގައި އާއިލާތަކެއް ނިކަމެތި ވެއްޖެ.

މިލައުތުރު | 23 ޖޫން 2026 | ސިޔާސީ

ރައްޔިތުންގެ މަޖިލިސްގައި ދިއްގަރު ދާއިރާ ތަމްސީލު ކުރައްވާ އިއްޒަތްތެރި މެންބަރު އަޙްމަދު ނާޒިމް އާއި މުލަކު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހީމް ނައުފަލާ ދެމެދުގައި ހިނގާ ސިޔާސީ ކޯޅުންގަނޑެއްގެ ޝިކާރަައަކަށް މ. އަތޮޅުގެ ނިކަމެތި އާއިލާތަކެއް ވަމުންދާކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި އެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމަކީ ރައްޔިތުންގެ މަޖިލިސްގެ ކުރީގެ ނައިބު ރައީސެވެ. ސިޔާސީ ޚިޔާލު ތަފާތުވުންތަކެއްގެ ތެރެއިން ޕްރެޝަރު ބޮޑުވެ ނާޒިމް އިސްތިއުފާ ދެއްވުމުން ދެން އެ މަޤާމަށް އިންތިޚާބުކުރީ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑް ވޭވް ސަލީމް) އެވެ. މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނައުފަަލަކީ މަޖިލިސްގެ މިހާރުގެ ނައިބު ރައީސް އަޙްމަދު ސަލީމްގެ ދަރިކަލުންނެވެ.

Advertisement

ސިޔާސީ ގޮތުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްގެ ބާރުވެރިކަން އަތޮޅުން ދުއްވާލުމަށް ހިންގާ ކަންކަމުގެ ތެރޭގައި ނާޒިމްގެ ފަރާތުން ވަޒީފާތަކަށް ލާފައިތިބި އެންމެން ކަނޑާލުން ހިމެނޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. މިއީ ހަމަ އެންމެންނަށް ވެސް އެނގޭ ވަރަށް ބޮޑު ސިއްރެއްގެ ގޮތުގައެވެ. ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިހާރު ދިރިއުޅުއްވަނީ ވެސް ރާއްޖެއިން ބޭރުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

އެންމެ ދެރަކަމަކީ ފެނަކައިގެ ވަޒީފާގައި ތިބި އެންމެ އާދައިގެ މުވައްޒަފުންގެ ތެރެއިން އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ދިއުމެވެ. ހުރިހާ ހަންގާމާއެއް ހިނގީ މަތިފަޑީގައެވެ. ހުރިހާ ގެއްލުމެއް ލިބުނީ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް ރަތްމަންދޫއިން 3 މީހުން، ވޭވަށުން 11 މީހުން، ނާލާފުށިން 9 މީހުންނާ އެކު ޖުމްލަ 23 މީހުން ފެނަކަ ވަޒީފާއިން ވަކިކޮށްފި އެވެ. އަދި މީގެ އިތުރުން ދިއްގަރު، މަޑުއްވަރީ، މުލި އަދި ކޮޅުުފުށިން ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ފެނަކައިން ކަނޑާލުމަށް ބޮޑު ލިސްޓެއް ހަދާފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާ ވެސް މިކަމާއި ގުޅުމެއް ވާކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މަސައްކަތް ކުރެއްވީ ޕީއެންސީއާއި ދެކޮޅަށް ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ. އަދި މ. އަތޮޅުން ލިބުނު ނާކާމިޔާބީގެ ސަބަބުން ވަނީ ބޮޑު މާޔޫސްކަަމެއް އެ ޕާޓީއަށް ލިބިފައެވެ. މިހުރިހާ ކަމެއްގެ ރުޅިގަނޑުގައި ފެނަކައިގާ ތިބި ނާޒިމްއަށް ވަފާތެރި ވެދާނެ އެންމެން ސައްޕުޖަހާ ބޭރުކޮށްލަނީ ކަމުގައި ބައެއް މީހުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.