ށ. ފޯކައިދޫއަށް ނިސްބަތްވާ ފުރާގު ޕްރައިވެޓް ލިމިޓެޑުން މަދު އަހަރުކޮޅެއްގެ ތެރޭގައި ވިޔަފާރީގެ ބޮޑެތި ކުރިއެރުންތަކެއް ޙާޞިލުކޮށް، 20 މިލިޔަން ރުފިޔާގެ އިންވެސްޓްމަންޓަކަށް ބަދަލުކޮށްލި ގޮތަކީ ރަނގަޅު ނަމޫނާއެކެވެ.
މާލެ ދަތުރުކުރާ ނާލުބޯޓަކުން ފެށި ވިޔަފާރި ޒަމާނީ ވިޔަފާރިއަކަށް ބަދަލުކޮށް ވިޔަފާރި ކުންފުންޏެއްގެ ގޮތުގައި ”ފުރާގު ޕްރައިވެޓް ލިމިޓެޑް“ ގެ ނަމުގައި ރަޖިސްޓަރީކުރީ 2021 ވަނަ އަހަރު ގައެވެ. ށ. ފޯކައިދޫ ލަވް ނެސްޓް، ހަސަން ނާސިރު ފެށި ވިޔަފާރި ކުރިއަރުވާ ޒަމާނީ ވިޔަފާރިއަކަށް ބަދަލުކޮށްލީ އޭނާގެ ދަރިންނެވެ. މިހާރު ކުންފުނި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވަނީ އޭނާގެ ދަރީންނެވެ. އަދި ކުންފުނީގެ ހިއްސާދާރުންނަކީ ވެސް އެއީ އެވެ.
ނާލުބޯޓެއްގެ ގޮތުގައި ފުރާގު-2 ގައި މާލެދަތުރުކުރުމުގެ ވިޔަފާރިކުރަމުން އައި ހަސަން ނާސިރު، ފެރީކުރުމުގެ ވިޔަފާރިއަށް ވަނީ 2023 ވަނަ އަހަރު ގައެވެ. އެގޮތުން 30 މީހުންގެ ޖާގައިގެ ލޯންޗެއް ކަމަށްވާ ފުރާގު-5 ގައި، މާލެ އާއި ފޯކައިދޫއާ ދެމެދު ތާވަލުކުރެވިގެން ފެރީގެ ޚިދުމަތް ދޭން ފެށިއެވެ. ޖެހިގެން އައި އަހަރު 50 މީހުންގެ ޖާގައިގެ ފުރާގު-10 ތައާރަފުކޮށް ފެރީކުރުމުގެ ވިޔަފާރި ފުޅާކުރިއެވެ. އަދި އިއްޔެގައި މިވަނީ ފެރީގެ ފްލީޓަށް އަނެއްކާ ވެސް އިތުރު އުޅަނދެއްގެ ގޮތުގައި ފުރާގު-48 ތައާރަފު ކޮށްފައެވެ. އެއީ 65 ފަސިންޖަރުން އުފުލޭ 250 ގެ ފަސް އިންޖީނުލީ ފެރީ ލޯންޗެކެވެ.
އަދި މިއަހަރުން ފެށިގެން ފުރާގު ފެރީ ޓިިކެޓަށް ޚާއްސަ އޮންލައިން ބުކިންގ ސިސްޓަމެއް ވަނީ ތައާރަފު ކޮށްފައެވެ. އެގޮތުން www.furaaqu.com މެދުވެރިކޮށް މިހާރު ބުކިންގ ހެދޭނެއެވެ. މިއަދު ފުރާގަކީ މުޅި ށ. އަތޮޅުގައި ވެސް އެންމެ ފުޅާދާއިރާއެއްގައި ފެރީގެ ޚިދުމަތް ދެމުންގެންދާ އެއް ކުންފުންޏެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މަހަކު 2000 މީހުން މިހާރު ފުރާގު ފެރީގެ ޚިދުމަތް ބޭނުންކުރެއެެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ފަސިންޖަރުންގެ އިތުބާރު ހޯދާފައިވާ ފުރާގު ކުންފުނިން ދޭ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އަހަރު ދުވަހުގެ ތެރޭގައި ފެރީ ލޯންޗެއް އިތުރު ކުރުމަށް ވަނީ އަޒުމް ކަނޑައަޅާފައެވެ. އަދި މުދާ އުފުލުމުގެ ޚިދުމަތް ފުޅާކުރުމަށް 99 ފޫޓުގެ ފައިބަރު ދޯންޏެއް ބަނދެ ނިމި، އިންޖީނު އެޅުމަށް ވަނީ ތައްޔާރުވެފައެވެ. އަދި މުދާ އުފުލުމުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ހޯދޭނެ ގޮތް ފަހިކުރުމަށްޓަކައި އޮންލައިން ޕޯޓަލްއެއް ތަރައްޤީ ކުރުުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތަކާއެކު ޚިދުމަތުގެ ފެންވަރު ރަނގަޅު ކޮށް، ވިޔަފާރި ފުޅާކޮށް ތަރައްޤީކޮށް ހޯދި ކާމިޔާބީއަކީ ވިޔަފާރީގެ ފުރިހަމަ ނަމޫނާއެކެވެ.