މާލޭ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސް ޔާމީންގެ ތަސައްވަރެއް

މިލައުތުރު | 25 ޖުލައި 2026 | ރިޕޯޓު

މާލޭގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ކުރީގެ ރައީސް އަބްދު ﷲ ޔާމީންގެ ތަސައްވަރެއް ކަމަށް ބުނާ ޝުއޫރުތައް މުޅި ސޯޝަލް މީޑިއާ ފްލަޑް ކޮށްލައިފި އެވެ.

ބޮޑުތަކުރުފާނުމަގު ފިޔަވަހިތަކަކަށް ބަހާލައިގެން މިސަރުކާރުން ގެންދަނީ ފުޅާކޮށް ތާރުއަޅައި ތަރައްޤީކުރަމުންނެވެ. އެގޮތުން މާދަމާ ފާހަގަކުރާ މިނިވަން ދުވަހުގެ ރަސްމިއްޔާތުތަކުގެ ތެރެއިން މަގުން ތިންވަނައަށް ތަރައްޤީކުރި ބައި ރަސްމީކޮށް ހުޅުވައި އުފާފާޅުކުރުމަށް ވަނީ ތާވަލުކޮށްފައެވެ. އަދި އެހެން ބައިތަކާއި ޚިލާފަށް މިބައިގާ ވަނީ ދިވެހިރުއް އިންދާ ޒީނަތްތެރި ކޮށްފައެވެ. ސަރުކާރަށް ތާއީދުކުރާ މީހުން ބުނަނީ މިއީ އެމީހުން ހުވަފެނެއްގައި ވެސް ނުދެކޭފަދަ ތަރައްޤީއެއް ކަމަށެވެ.

Advertisement

ސޯޝަލް މީޑިއާގެ މަންސަތަކުން މިހާރު ފެންނަނީ މުޅިން ތަފާތު ޝުއޫރުތަކެކެވެ. ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ކުރީގެ ރައީސް ޔާމީންގެ ދުރުވިސްނުންފުޅާއި ތަސައްވަރު ކަމަށް ބުނެ ފަތުރާ ޝުއޫރުތަކެވެ. އަދި މިކަމަށް ބާރުދޭ ހެކިތައް ވެސް އެބަހުއްޓެވެ. އެހެނީ ބޮޑުތަކުރުފާނުމަގުގެ ބޮޑު ބައެއް ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ތަރައްޤީކޮށް ނިންމަވާފައެވެ. ރައީސް ޔާމީންގެ ސަޕޯޓަރުން ބުނަނީ މަގުގައި ނުނިމިއޮތް ބައި ވެސް ވަނީ ކުރައްސަވާފައި ކަމަށާއި، މަޝްރޫޢަށް ބޭނުންވާ ފައިސާ ވެސް ވަނީ ހަމަޖައްސަވާފައި ކަމަށެވެ.

އެމީހުން އިތުރަށް ބުނަމުން ގެންދަނީ ރައީސް ޔާމީންގެ ވިސްނުންފުޅުގައި އޮތީ މާލޭގެ މޫނުމަތި ރީތިވާނެ ގޮތަކަށް މަގު ފުޅާކުރުން ކަމަށާއި، ބަނދަރުން ބައެއް ހަނިކުރުމަކީ ދެރަވަރުގެ ކަމެއް ކަމަށެވެ. އަދި މަތީމަގެއް ހެދެންއޮތް ފުރުޞަތުގެ ބޭނުންނުކޮށް، އޮޑިދޯނިފަހަރަށް ދަތިވާގޮތަށް މަގު ހެދުމަކީ އެއް ބަޔަކަށް ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.