ތަޢުލީމާބެހޭ ވުޒާރާއިން ފަށާފައިވާ ކޫލް ސްކޫލް މަޝްރޫއަށް ވެގެންއުޅޭ ގޮތެއް ބަލަންޖެހޭ ކަމަށް ބެލެނިވެރިން ބުނަން ފަށައިފި އެވެ. ކުދިން ދާހިތުން ސްކޫލަށް ދާނެފަދަ ކޫލްތަންތަނަށް ރާއްޖޭގެ ސްކޫލްތައް ހައްދަަވައިދެއްވާނެ ކަމަށް ވަޒީރު ވަނީ ކުރިން ވިދާޅުވެފައެވެ. އަދި ބުލީކުރުން ވެސް އޭރުން ހުއްޓޭނެކަމަށެވެ.
މިހާރު އެންމެ ބާރަށް އިވޭ އެއް އަޑަކީ 8،000 ކުދިން ސްކޫލަށް ނުދާ ވާހަކައެވެ. އަދި މި މައްސަލަ ޙައްލު ކުރުމަކީ ބެލެނިވެރިންގެ ޒިންމާއެއް ކަމަށް ދެކެވޭ ވާހަކަތަކެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރި ދުވަސްވަރުގައި ކޫލް ސްކޫލް މަޝްރޫޢު އޮތީ ފަތުއަޑުކިޔާލާފައެވެ. މުދާ އުފުލާ ދޯނިފަހަރަށް އޭސީ ބަރުކޮށްގެން ރަށްރަށަށް އެރުވިއެވެ. އެހެން ނަމަވެސް އެއްވެސް ސްކޫލެއް ކޫލްވާގޮތެއް ނުވިއެވެ. އޭސީތައް އަދިވެސް ހުރީ ގުދަންކުރިތަނެއްގައި ގުދަންކުރި ގޮތަށެވެ. އޭސީއެއް ހަރުކޮށްގެން ބޭނުންކުރެވޭނެ ގޮތެއް ނެތް ކަމަށް ބައެއް ސްކޫލްތަކުން ބުނެއެވެ. އެއްބައި ސްކޫލްތަކުގައި އެވަރުގެ ކަރަންޓު ވިއުގައެއް ނެތެވެ. އަނެއްބައި ސްކޫލްގައި އިންސްޓޯލްކުރުމަށް ބޭނުންވާ ފައިސާއެއް ނެތެވެ. މިވީ އަސްލު ކިހިނެއް ހެއްޔެވެ. ސަރުކާރުން މިވަރުގެ ބޮޑު އަދި އެހާމެ މުހިންމު މަޝްރޫޢެއް ހިންގެވީ ބައިކުޅަބައި ދެއްވާ ގޮތަށް ހެއްޔެވެ.
ގިނަ ސްްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިން ތިބީ ސްކޫލްތައް ކޫލްވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު