
އޮޅުވާލައިގެން ސައްހަ ނޫން ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ސްކޭމް ކުރަމުން ދިޔަ މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް، 23 ދައުވާއެއް އިއްވާފައިވާ ހުސެއިން ޝިފާއު ޖަލު ހުކުމުން ސަލާމަތް ކުރުމަށް ޕީޖީ އޮފީހުން އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ފަހު ކޯޓަށް ހުށަހަޅައިފި އެވެ.
ޝިފާއު އުމުރު ދުވަހުގެ ޖަލު ހުކުމުން ސަލާމަތް ކުރުމަށްޓަކައި ޕީޖީގެ ފަރާތުން ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުން ހުށަހެޅުމުން އެ އެއްބަސްވުން ބަލައިނުގަތުމަށް ކޯޓުން ވަނީ ނިންމަވާފައެވެ.
ޝިފާއުގެ މައްޗަށް ކޮށްފައިވާ ދައުވާތަައް ސާބިތުވެއްޖެ ނަމަ ޖުމުލަ 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށާއި މި މައްސަލަތަކުގައި 123،844.54 ޑޮލަރު ހިމެނޭ ކަމަށް ޕީޖީ އޮފީހުން ކުރިން ބުނެފައިވެ އެވެ. އަދި އިއުތިރާފުގެ އެއްބަސްވުމެއް ހެދީ ޝަރީއަތް ނިމި ހުލާސާ ބަޔާން ހުށަހަޅާ ހިސާބުގައި އޮއްވަ އެވެ. އެހެންކަމުން ގާޒީ އަލީ ނަދީމް ނިންމެވީ އެއްބަސްވުން ބަލައިނުގަތުމަށެވެ.
ޝިފާއުގެ މައްޗަށް 23 ދައުވާގެ ތެރެއިން 7 ދައުވާއެއް ފިޔަވައި އެހެން ހުރިހާ ދައުވާއެއް އަނބުރާ ގެންދަން ވެސް ވަނީ ނިންމާފައެވެ. ޝިފާއު ސަލާމަތް ކުރުމަށް ދެން ހަދާނެ ގޮތަކާ މެދު މީހުންގެ ޝައުގުވެރިކަން ވަނީ އިތުރު ވެފައެވެ. މި ހުރިހާ މައްސަލަތައް އޮއްވާ ކުރިން ވަނީ ސިޔާސީ މަގާމަކަށް ވެސް އައްޔަނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު