
މި އަަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ރައީސް އިހަވަންދޫ އަށް ކުރެއްވި ދަތުރުފުޅު ތެރެއިން މަސްވެރިކަމުގެ ވަޒީރު އަޅުއްވައި ދެއްވި އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސް ގެ ބިންގާކޮޅު މަޝްރޫޢުގެ އެއްވެސް މަސައްކަތެއް ނުވެ އެހެން ހުރެ ވީރާނާ ވެގެން ވެއްޓިއްޖެ އެވެ.
ކުރިން އަޅުއްވައިދެއްވި ބިންގާކޮޅުތައް ވީރާނާ ވެފައިވަނިކޮށް އަނެއްކާ ވެސް ބިންގާ އަޅުއްވައިދެއްވަމުން ވަޑައިގަންނަވާތީ ފާޑުކިޔަމުން އިހަވަންދޫގެ ރައްޔިތަކު ބުނީ އޭރު އެމީހުން އަތްޖެހީ ރީތިފޮޓޯތަކެއްދައްކާ ހުދުކުލައިގެ ފާރުކޮޅެއް މަތީ ފޮހެލާފައި ސިމެންތިކޮޅެއް ބޭންދި ގައުބުރިއެއް ފެނިގެން ކަމަށެވެ. އެއީ 29 ޖެނުއަރީ 2025 ވަނަ ދުވަސް ކަމަށެވެ.
އިތުރަށް ބުނެފައިވަނީ ބިންގަލަކަށް ވެސް ކެތްތެރިކަމާއެކު ވަރުބަލި ކަމެއްނެތި ހަމަޖެހިލައިގެން އިނދެވޭނީ ވެސް ވަކި މިންވަރަކަށް ކަމަށެވެ. މަޝްރޫޢުގެ އެއްވެސް މަސައްކަތެެއް ނުކުރާތީ އެންމެން ވެސް މަލާމާތްކޮށް އިނގިލި ދިއްކޮށް ހަދާނީ ހަމައެކަނި އެ ނިކަމެތި ބިންގާކޮޅާ ދިމާލަށް ކަމަށާއި، އަނެއްކާ ވެސް އައު ބިންގާކޮޅެއް އަޅުއްވައިދެއްވާތީ އަތްޖަހަންވީ ކަމަށެވެ.
އެހެން ނަމަވެސް ޙަޤީޤަތަކީ އެ ބިންގާކޮޅު ވެސް މިއަދު ބިންމަތީގައި އޮށޯވެލައިގެން އޮވެ ހިތާހިތުން ކިޔާނީ “ލަދުން މަރޭ، ލަދުން މަރޭ” ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު