މިލައުތުރު

ރައީސް ޞާލިޙްގެ މާފުށީ ޖަލްސާގައި ތިބެގެން ވެސް ބެލީ ރައީސް ނަޝީދުގެ ޖަލްސާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ޖަލްސާއެއް ރޭގައި ކ. މާފުށީގައި ކުރިއަށް ދިޔަ ވަގުތު ރައީސް ނަޝީދު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވުމަށް ބޭއްވި ޖަލްސާއެއް މާލޭގައި ހިނގަމުންދިޔައެވެ. މި ދެޙަރަކާތް ވެސް ޓީވީތަކުން ވަގުތުން ދުރަށް ދައްކަމުން ގެންދިޔައެވެ. ރައީސް ޞާލިޙްގެ މާފުށީ ޖަލްސާ ދެއްކީ ރާއްޖެޓީވީ އިންނެވެ. އަދި ދަ ޑިމޮކްރެޓްސްގެ ޖަލްސާ ދައްކާފައި ވަނީ ދާދި ފަހަކުން އުފެއްދި ޓީވީ ޗެނަލް އެއް ކަމަށްވާ ދިވެހި ޗެނަލް އިންނެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ހައިރާންކޮށްލި ކަމަކީ ފޭސްބުކް ލައިވް އިން ދެ ޖަލްސާ ބެލި މީހުންގެ ޢަދަދުގެ ފަރަޤު ބޮޑުކަމުންނެވެ. އެގޮތުން ރައީސް ޞާލިޙް ވާހަކަފުޅު ދައްކަވަމުން ގެންދެވި އިރުގައި ރާއްޖެ ޓީވީ އިން އެމަންޒަރުތައް ބަލަމުން ގެންދިޔައީ އެންމެ 177 މީހުންނެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ގެންދެވި އިރުގައި 2000 މީހުން ދިވެހި ޗެނަލުން އެމަަންޒަރުތައް ބަލަމުން ގެންދިޔައެވެ.

ބައެއް މީހުން ދެކޭގޮތުގައި ރައީސް ޞާލިޙް އަކީ ވާހަކަދެއްކެވުމަށް ކޮށި އަދި މީހުން ޝައުޤުވެރިވާ ގޮތައް ވާހަކަފުޅު ދައްކަވަން ދެނެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެއާ ޚިލާފަށް ރައީސް ނަޝީދަކީ މޮޅު ވާހަކަދެއްކުންތެރި އަކަށް ވުމުގެ އިތުރުން މީހުންގެ ހިތްތަކުގައި ފޯރި އާއި ޖޯޝް ކައްކުވާލާ ފަދަ ހުނަރުތައް ދެނެވަޑައިގަންނަވާ އެކަމަށް ފަރިތަ ބޭފުޅެކެވެ. އެހެންކަމުން ޝައުޤުވެރިކަމާ އެކު މީހުން ބަލާނީ ރައީސް ނަޝީދުގެ ވާހަކަފުޅު ކަމަށް ބެލެވެއެވެ.

އަނެއް ބަޔަކު ދެކޭގޮތުގައި މިތަފާތަކީ ދެބޭފުޅުންގެ މަޤުބޫލުކަމުގެ ފަރަޤުކަމަށާއި، އަންނަ ރިޔާސީ އިންތިޚާބުގައި ވެސް މި ނަތީޖާ ނޫން ދެވަނަ އެއްޗެއް ނުފެންނާނެކަމަށެވެ. ރައީސް ޞާލިޙް އަކީ ރައީސްކަމުގެ މަޤާމު ލިބިވަޑައިގަތުމުގެ ކުރީގައި ސިޔާސީގޮތުން މަޤުބޫލު ޝަޙްސިއްޔަތެއް ނޫނެވެ. އެހެން ނަމަވެސް ރައީސް ނަޝީދަކީ ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގެވުމަށް މޮޅު ސިޔާސީ އެކްޓިވިސްޓެކެވެ.

އަނެއް ބަޔަކު ދެކޭގޮތުގައި ރައީސް ނަޝީދު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވުމުގެ ޖަލްސާ އަށް ގިނަ ބަޔަކު ޝައުޤުވެރިވީ އެމަނިކުފާނުގެ ސިޔާސީ ވިސްނުންފުޅު ހުރިގޮތެއް އެނގެން ބޭނުންވާތީއެވެ. ދިވެހިރާއްޖޭގެ ސިޔާސީ އޮއިވަރު ދެން ބަދަލުވެގެން ދާނެ ގޮތަކާއި މެދު ވިސްނާ އަދި އެކަމަށް ޝައުޤުވެރިވާ މީހުން ގިނަކަމުންނެވެ. އަދި ރައީސް ނަޝީދު އެމްޑީޕީ ދޫކޮށްލެއްވުމަށް ފަހު ދެން ހައްދަވާނެ ގޮތެއް އެނގެން ބޭނުންވާ މީހުން ގިނަކަމުންނެވެ. އެހެންކަމުން އެމަނިކުފާނަށް ތާޢީދުކުރާ ފަރާތްތަކާއި، އިދިކޮޅު ފަރާތްތަކުން ވެސް އެމަނިކުފާނުގެ ޙަރަކާތްތައް ބަލާތީއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވުމުން ޔަޤީންވާ އެއްކަމަކީ އެމަނިކުފާނު ދެން ރައީސް ޞާލިޙް އާއި އަލުން ގުޅިވަޑައިނުގަންނަވާނެ ކަމެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ޔަޤީންކުރެއްވުން ކަމެވެ. ރައީސް ނަޝީދު ރިޔާސީ ރޭހުގައި ވާދަކުރައްވާނެތޯ ނޫންތޯ މިއީ ވަރަށް ގިނަ ބައެއްގެ ހިތުގައި އޮތް ބޮޑު ސުވާލެކެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބުވުމުން އެފުރުޞަތު ގެއްލުނީތޯ ނޫންތޯއެވެ. ރައީސް ނަޝީދު މަޝްހޫރުވެފައި ވަނީ ސިޔާސީ ހަކުޅި ކުރިއަށް ކުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ. އެހެންކަމުން އެމަނިކުފާނަށް ވަފާތެރި ސަޕޯޓަރުން ދެކޭގޮތުގައި އެއްގޮތް ނެތިއްޔާ އަނެއްގޮތް ވެސް ހޯއްދަވާނެއެވެ. އެ ޙަޤީޤަތް އަނެއްކާ ވެސް ދިވެހި ތާރީޚްގައި ލިޔެވިގެންދާނެއެވެ. އެމަނިކުފާނު އަނެއްކާ ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އަލިމަގެއް ކޮށްޓަވައި، ފުރުޞަތު ފަހި ކުރެއްވީއެވެ.

© 2023 milauthuru. All rights reserved.