ފަތުރުވެރިކަމާ ބެހޭ ވަޒީރު، އިބްރާހީމް ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ޤބޫލުނުކުރައްވާކަމަށް ބައްޕާފުޅު އަދި ރައްޔިތުން މަޖިލީހުގެ މިހާރު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ”ދައުރު“ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ފަތުރުވެރިކަމާ ބެހޭ ވަޒީރު ކަމުން އިބްރާހިމް ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެމެދުގައި އޮތް ގުޅުން ރަނގަޅު ނަމަ އެފަދަ ފިޔަވަޅެއް ރައީސް ނާޅުއްވާނެ ކަމަށާއި، ކުރިން އޮތް ގުޅުން މިހާރު ނެތްކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ކުއްލިގޮތަކަށް ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުން އިބްރާހީމް ފައިސަލް ވަކިކުރެއްވުން ވެގެންދިޔައީ އެންމެންނަށް ބޮޑު ހައިރާންކަމެއް ލިބުނު ޚަބަރަކަށެވެ. އަދި ރައީސް އޮފީހުން މިކަމާ ގުޅޭ އެއްވެސް ތަފްސީލެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.
ފައިސަލްގެ ބައްޕާފުޅު ދެކިލައްވާ ގޮތުގައި ވަޒީރު ކަމުގައި ހޭދަކުރެއްވި ދުވަސްތަކުގައި ޚިޔާނާތުގެ އެއްވެސް ކަމެއް އޭނާ ހިންގަވާފައި ނުވާކަމަށާއި، ނަތީޖާ ނެރެދެއްވި ކަމަށެވެ. އަދި ރައީސް ކަނޑައެޅުއްވި ލަނޑުދަނޑިތައް ރަނުން ރަނަށް ހާސިލްކުރައްވާފައިވާ ކަމަށެވެ.
އަދި ފައިސަލްގެ ބައްޕާފުޅަކީ މި ސަރުކާރު ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ފަރާތެއް ކަމަށާއި ރައީސް މުއިއްޒުއާ ވަރަށް ގާތް ގުޅުމެއް ވެސް ބޭއްވެވި ކަމަށެވެ. ނަމަވެސް ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވާ ކަމަށް އަޑު ފެތުރިފައިވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އަދި އެކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން ކުރެ އެއްވެސް ބޭފުޅަކު އެއްވެސް އެއްޗެއް ވިދާޅުފައެއް ވެސް ނުވެއެވެ.
One Reply to “ފައިސަލް ވަކިކުރައްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް، ވަރަށް ދެރަވެއްޖެ – އަބްދުއްރަހީމް”
ހައްޖަ.
އެމީހެއްގެ ދަރިއެއް އެމީހަކަށް ދޮންފުތުވާނެ.