ދިވެހިރާއްޖެއިން އިންޑިޔާ ސިފައިން ބޭލޭނެ ޢިލްމާ ޙިލްމާ ފަންވަރު ހުރި ރިޔާސީ ކެނޑިޑޭޓަކީ ހަމަ އެކަނި އޭނާގެކަމަށް އަންނަ ސެޕްޓެމްބަރު މަހުގެ 9 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އަމިއްލަގޮތުން ވާދަކުރައްވާނެކަން އިޢުލާންކުރައްވާފައިވާ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ބެލެވޭ ހުރިހާ ކެނޑިޑޭޓުންގެ ފޮޓޯއާ އެކު ޢުމަރު ނަސީރުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައި ވަނީ މާތް ﷲ ގެ އިރާދަފުޅާ އެކު ދިވެހިރާއްޖޭގައި ތިބޭ އިންޑިޔާ ސިފައިން ފޮނުވާލާނީ އޭނާކަމަށެވެ.
ޢުމަރު ނަސީރު ފާހަގަކުރެވެނީ އަބަދުވެސް ވަރަށް ވަޠަނީ މީހެއްގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ދިފާޢީ ބާރުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާތައް ޙާޞިލްކުރައްވާފައިވާ ޢުމަރުގެ ހުރިހާ މުޢާމަލާތެއްގައި ވެސް އަދި ވާހަކަފުޅުތަކުގައި ވެސް ޤައުމާ ޤައުމިއްޔަތުގެ ރޫޙް އިސްކުރައްވައެވެ. އެހެންކަމުން އޭނާއަށް ތާޢީދުކުރާ ގިނަ ބަޔަކުވެސް މިހާރު ރާއްޖޭގައި އެބަތިއްބެވެ. އަދި އެމީހުން ދެކޭގޮތުގައި ރާއްޖެ ވެއްޓިފައި އޮތް ބޮޑު ވަޅުގަނޑުން ސަލާމަތްކުރެވޭނީ ޢުމަރު ފަދަ ހަރުދަނާ ކޮންމެގޮތެއް ވަރިހަމަ ނޫން ވަޠަނީ މީހަކަށެވެ.
ޢުމަރު ނަސީރު ވަނީ 2013 ވަނަ އަހަރުގެ ޕީޕީއެމް ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރައްވާފައެވެ. އަދި ވަރަށް ހަނިގޮތަކަށް ނަކާމިޔާބުވުމުން އެއީ އިންސާފުވެރި އިންތިޚާބެއް ނޫންކަމަށް ވިދާޅުވެ، ނަތީޖާ ވެސް ބަލައިނުގަންނަކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ފަހުން އެޕާޓީ ދޫކުރައްވާ އަމިއްލަ ޕާޓީއެއް އުފެއްދެވިއެވެ. އެހެން ނަމަވެސް ޤާނޫނީ ޢަދަދު ހަމަނުވެގެން އެޕާޓީ ވެސް ވަނީ އިލެކްޝަންސް ކޮމިޝަނުން މިހާރު އުވާލާފައި ކަމަށް ކުރީގެ ބައެއް މަސްދަރުތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.
އަދި ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އެދުވަސްވަރު ވެސް އުމަރު ފާހަގަކުރެވިފައި ވަނީ ވަރަށް ތަންފީޒީ މީހެއްގެ ގޮތުގައެވެ. އެގޮތުން ދުރާލާ ރާވައިގެން ނުރައްކާތެރި ކުށްކުރާ ބައެއް ފަރާތްތައް ހައްޔަރުކޮށް އަދި އަނެއްބައި މީހުންގެ ފައިގާ ޓެގް އެޅުވިއެވެ. މިފަދަ ޖެހިލުން ކުޑަގޮތަކަށް މިނިސްޓްރީ ހިންގަވާތީ ދިމާވި ތަފާތު ގޮންޖެހުންތަކާ އެކު މިނިސްޓަރުކަން ދޫކޮށްލައްވަން ޖެހިވަޑައިގަތެެވެ. އަދި އޭގެ ފަހުން އެއްވެސް ސަރުކާރު ވަޒީފާއެއް އަދާކުރައްވާފައެއް ނުވެއެވެ. ޢުމަރު ނަސީރަކީ ވިޔަފާރިއާ އިޤްތިޞާދުގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.