މިލައުތުރު

މެންބަރު ޢަލީ ރިޒާ އުފަލުން ސައުތު ލިންކަށް އިޝްތިހާރު ކުޅެދެނީ

މުޙައްމަދު ނާސިރަކީ ކުރިން މިލަންދޫ ޕީޕީއެމްގެ ޙަރަކާތްތަކުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި އެރަށުގެ ވިޔަފާރިވެރިއެކެވެ. އެއީ ށ. މިލަންދޫ ސައުތު ލިންކްގެ ވެރިޔާއެވެ. ޕީޕީއެމް ދޫކުރައްވައި އެމްޑީޕީއަށް ސޮއި ކުރެއްވީ 16 ޖުލައި 2023 ވަނަ ދުވަހުގެ ތާރީޚްގައެވެ. މިއީ މިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ރިޒާއަށް ށ. ނަރުދޫއިން ލިބިގެން އުޅޭ ކާމިޔާބީ ފިޔަވައި، މިފަހަކަށް އައިސް ލިބުނު އެންމެ ބޮޑު ކާމިޔާބީކަމުގައި ބެލެވެއެވެ. އަދި މިކަމާ ގުޅިގެން މިލަންދޫ އިން ރިޔާސީ އިންތިޚާބުގައި %90 ނަގާނެކަމަށް ވިދާޅުވާ ވިދާޅުވުން އަނެއްކާ ވެސް ވަނީ ތަކުރާރުކުރައްވާފައެވެ.

ނާސިރު އެނބުރި ޕީޕީއެމަށް ދިޔަނުދީ ހިފެހެއްޓުމަށްޓަކައި ޢަލީ ރިޒާ އިޝްތިހާރު ކުޅެދޭން ފެއްޓެވުމުން އެއީ އެފަދަ ބޭފުޅަކު ވެއްޓެން ޖެހޭ ދަރަޖަ ނޫންކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި އެންމެ ފަހުން ސައުތު ލިންކް ޕްރޮމޯޓްކޮށްދެއްވުމަށް ކުޅެފައި ވަނީ އެފިހާރައިން ހުރިހާ އެއްޗެއް ވެސް ލިބެން ހުންނަކަން ދައްކުވައިދޭ ވީޑިއޯ އިޝްތިހާރެކެވެ. އެ އިޝްތިހާރުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހެއްގެ ގޮތުގައި، ތެޅެމުން ފޮޅެމުން އެފިހާރައަށް ދާމީހެއްގެ ގޮތުގައި އެމްޕީ ރިޒާ ފެނިގެންދެއެވެ. އެހެންކަމުން އެރަށުގައި އެފަދަ އެހެން ވިޔަފާރިތައް ހިންގަވާ ފަރާތްތަކުގެ ވަރަށް ބޮޑު ނުރުހުމެއް ލިބިފައި ވެއެވެ. އެމީހުން ދެކޭގޮތުގައި ހުރިހާ މީހުންގެ މަންދޫބެއްގެ ގޮތުގައި މިލަންދޫ ދާއިރާ ތަމްސީލުކުރައްވަން ހުންނަވާ ބޭފުޅަކު ވަކިފަރާތަކަށް މިވަރަށް ޖެހި މީހެއްގެ ފައިބުޑަށް ވެއްޓުމަކީ ލަދުވެތިކަމެކެވެ.

© 2023 milauthuru. All rights reserved.