ކުދި ވިޔަފާރިތައް ދަރަނިވެ ހަލާކުވެފައިވާ ކަމަށް މި ސަރުކާރާ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެން ފަށާފައިވާއިރު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އާފަލެއްގެ އަގު ދިހަ ރުފިޔާއަށް އަދި ފިޔާ ކިލޯއެއްގެ އަގު 50 ރުފިޔާއަށްވުރެ މަތިވިއިރު ކާބޯތަކެއްޗަށް ދަތިވެއްޖެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ބޭސް ނުލިބޭއިރު ޒަރޫރީ މުދަލުގެ އަގުތައް ވެސް އުފުލިއްޖެ ކަމަށާއި ޑޮލަރުގެ އަގު ހުރީ 20.20 ރުފިޔާއިން މަތީގައި ކަމަށެވެ.
”ކުދި ވިޔަފާރިތައް ދަރަނިވެ ހަލާކުވެއްޖެ. ސަރުކާރުން ނުދައްކާ ބިލުތައް 13 ބިލިއަން ރުފިޔާއަށް އަރައިފި. ރާއްޖޭގެ އިގްތިސާދު ފުނޑިއްޖެ،“ ފައްޔާޒު ވިދާޅުވި އެވެ.
މި ހާލަތަށް ދިޔައިރުވެސް ގާނޫނު އަސާސީން މަނިޓަރީ ސިޔާސަތު މަތިކޮށްފައިވާ މަރުކަޒީ ބޭންކުގެ ބަހެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މިކަންކަމާ ކަންބޮޑުވެ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްއިން ލިޔުމުން ބައްދަލުކުރަން އެދުމުން ބައްދަލުވާނެ ގޮތެއް ނުވި ކަމަށާއި ރައްޔިތުން ހޮވާފައި ތިބި މަންދޫބުން ގައުމުގެ ހާލަތު ސާފުކުރަން މަސައްކަތް ކުރެއްވުމުން ފިއްލެވީ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެ ގޮތުން، އެމްއެމްއޭއިން ޖަވާބު ނުދޭއިރު ރައްޔިތުންނަށް ކުރީ ބޮޑު މަލާމާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.