ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ށ. ފޭދޫ ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލްގެ މިހާރުގެ ނައިބު ރައީސް އަޙްމަދު ސުނީލަށް ލިބިއްޖެ އެވެ.
ފޭދޫ ކައުންސިލްގެ މިދައުރުގެ ރައީސް އަކީ އަޙްމަދު ރައިސަމެވެ. އަދި ސުނީލަކީ އޭނާގެ މިދައުރުގެ ނައިބު ރައީސެވެ. ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލުމަށް ނިންމެވިކަން އިޢުލާން ކުރައްވައި އޭނާގެ އަމިއްލަ ފޭސްބުކްގައި ލިޔުއްވާފައިވަނީ މިފަދައިންނެވެ.
މާތްﷲގެ ވާގިފުޅާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގައި ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއި، އިޚްލާސްތެރިކަމާއެކު ށ.ފޭދޫ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގެ މަގްސަދުގައި ށ.ފޭދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލުމަށް އަޅުގަނޑު (އަޙްމަދު ސުނީލު. ދުއްލިސާގެ.ށ.ފޭދޫ) ނިންމައިފީމެވެ.
އިންޝާ ﷲ ވަކި ފިކުރަަކަށް ބެލުމެއް ނެތި ރަށުގެ މަސްލަޙަތާއި ކުރިއެރުން އިސްކޮށް، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަޑުއުފުލައި، ޒުވާނުންނާއި، ކަމުވޮށިވެގެންވާ މީހުންނާއި، އިސްރައްވެހީންނާއި، ސަރުކާރާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ރަށުގެ ތަރައްޤީއަށް މަސައްކަތް ކޮއްދޭ މީހަކަށް އަޅުގަނޑު ވާނަމެވެ. ވީމާ، ށ.ފޭދޫގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ފުރިހަަމަ ތާއިދާއި އެއްބާރުލުން އަޅުގަނޑަށް ދެއްވުން އެދެމެވެ.
ސުނީލް ފާހަގަކުރެވެނީ މަޑުމައިތިރި މެދުމިންވަރެއްގެ ސިޔާސީ ވިސްނުމެއް ގެންގުޅުއްވާ އަދި މީހުންނަށް އަދަބު އިހުތިރާމް އަދާކުރައްވާ ފަރާތެއްގެ ގޮތުގައެވެ. އެހެންކަމުން ފޭދޫގެ ރައީސްކަމުގެ ގޮނޑިއަށް އައުމުގެ ފުރުޞަތު ސުނީލަށް ބޮޑުކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު