އިސްލާމިކް ރިޕަބްލިކް އޮފް އީރާންގައި މިހާރު ހިންގަމުން ގެންދާ ހަމަނުޖެހުންތަކަށް ވާގިވެރިވުމަށް އެ ޤައުމުގެ ބޯޑަރު ސަރަޙައްދުގައި ހަތިޔާރާއެކު ހަރަކާތްތެރި ވަމުން ގެންދިޔަ ތިން ޓެރަރިސްޓް ގްރޫޕެއް ނައްތާލައިފި ކަމަށް އީރާންގެ ބޯޑަރ ގާޑް ސެންޓަރުން ބުނެފިއެވެ.
މި އޮޕަރޭޝަންތަކުގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އިޒްރޭލާ އެމެރިކާއަށް ނިސްބަތްވާ މީހުން ހިމެނޭކަމަށާއި، އެމީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށެވެ. ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި އެމީހުންގެ މައްސަލަ ތަޙްްޤީޤުކޮށް، ޝަރީޢަތްކޮށް އަދަބު ތަންފީޒު ކުރެވޭނެ ކަމަށެވެ. އަދި އެކަމުގައި ބޭރު ދުނިޔޭގެ އެއްވެސް ޕްރެޝަރަކަށް ނުބަލާނެ ކަމަށެވެ.
އީރާންގައި މިހާރު ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 109 ފުލުހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ މަދަނީ ފުލުހުން ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އެމީހުން ޝަހީދުކޮށްލާފައިވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި، އިތުރަށް އެފަދަ އަނިޔާވެރިކަމެއް ތަކުރާރު ކުރަން ފުރުސަތު ނުދޭނެ ކަމަށް ރިވޮލިއުޝަނަރީ ގާޑުން ވަނީ އިންޒާރު ދީފައެވެ.
ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ މިސްކިތްތަކުގައި ވަނީ ހުޅުޖަހާ އަންދާލާފައެވެ. އަދި ބޭންކުތަކާއި، ހޮސްޕިޓަލްތަކާއި، ބަސްތަކާއި، މެޓްރޯ ސްޓޭޝަންތަކުގައި ވަނީ ހުޅުޖަހާފައެވެ. އަދި ކްލިނިކެއްގައި މަސައްކަތް ކުރަމުންދިޔަ އަންހެން ނަރުހެއް ދިރިހުއްޓާވަނީ އަންދާލާފައެވެ. މިއީ އީރާންގެ ޙަޔާތުގައި ވެސް ފެނިގެންދާ އެންމެ އަނިޔާވެރި ހަމަނުޖެހުންތައް ކަމަށް މަޝްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު