ށ. ނޫމަރާގައި ޒަމާނީ މިސްކިތެއް ބިނާކުރުން ބިލާހަކަށް، ސައިޓް ޖަންގައްޔަކަށް.

މިލައުތުރު | 20 ސެޕްޓެމްބަރ 2026 | ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ މައުދުފުޅުގެ ދަށުން ށ. ނޫމަރާގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ އެޅުމަށް ފަހު، އެއްވެސް އަމަލީ މަސައްކަތެއް ނުފެށި އެކަމަށް ދީފައިވާ ބިމުގައި ގަސްހެދި އެތަން ވެސް ބޮޑު ވަލަކަށް ވެއްޖެއެވެ.

ނޫމަރާގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ބިނާކުރުމަށްޓަކައި ބިންގާ އެޅީ 13 އޮކްޓޯބަރު 2025 ގައެވެ. އަންނަ މަހު އެއް އަހަރު ފުރޭނެއެވެ. އެހެން ނަމަވެސް އަދި އަދާ ހަމައަށް ވެސް މި މަސައްކަތުގެ އަމަލީ މަސައްކަތުގެ ޒައްރެއްގެ މިންވަރު ވެސް ކުރެވިފައެއް ނުވެއެވެ. އެ ކަމަށްޓަކައި ކައުންސިލުން ދޫކޮށްފައިއޮތް ބިން މިހާރު އޮތީ ޖަންގައްޔަކަށް ވެފައެވެ.

Advertisement

އަދި މީގެ އިތުރުން ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމުގެ މަސައްކަތް ވެސް އޮތީ ހަމަ މި ހާލެއްގައެވެ. އެއްވެސް މަސައްކަތެއް ނުކުރެއެވެ. އެކަމަށްޓަކައި ދޫކޮށްފައި އޮތް ބިން ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ވެސް ނެތެވެ. މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކައާ އެވެ. އެހެން ނަމަވެސް މިހާރު އެހެން ބަޔަކާއި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބެއެވެ. އެހެންކަމުން ކުރިން އަޅާފައި ހުރި ގުދަން ވެސް މިހާރު ރޫޅަނީ އެވެ. މިއީ ވެސް 13 އޮކްޓޯބަރު 2025 ގައި ބިންގާ އެޅި މަޝްރޫޢެކެވެ.

ސަރުކާރުން ފެށި އެއްވެސް މަޝްރޫޢެއް ކުރިއަށް ނުދާތީ ނޫމަރާގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.