މިލައުތުރު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކެމްޕެއިނަށް ށ. އަތޮޅަށް

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކެމްޕެއިން ދަތުރުފުޅެއްގައި މިއަދު ށ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ ވެރިރަށް ފުނަދޫއަށެވެ. މިދަތުރުފުޅުގައި ފުނަދޫގެ އިތުރުން މާއުނގޫދޫ، މިލަންދޫ، ފޭދޫ، ގޮއިދޫ، ކަނޑިތީމް އަދި ބިލެތްފަހި ހިމެނެއެވެ. މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާ ފުނަދޫއަށް ވަޑައިގަންނަވާތީ، މަރްޙަބާ ދެންނެވުމަށް ފުނަދޫ އޮތީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށް ތައްޔާރުވެފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

މިއީ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކުރުމަށް ކުރެއްވި ދަތުރުފުޅުގައި ވަޑައިނުގެންނެވުނު ށ. އަތޮޅުގެ ރަށްތަކަށް އަމާޒުކުރައްވައިގެން ކުރައްވާ ދަތުރުފުޅެއް ކަމަށް ވެއެވެ. މިއީ ކެމްޕެއިންގައި ވަޢުދުނާމާ އިޢުލާން ކުރައްވާ ދަތުރަކަށް ވާތީ ކޮންމެ ރަށަކަށް ވެސް ވަޢުދުވެވަޑައިގަންނަވާނީ ކޮންކަމެއްތޯ ބެލުމަށް ރައްޔިތުން ތިބެނީ ވަރަށް ބޮޑަށް ޝައުޤުވެރި ވެފައެވެ. ށ. އަތޮޅު ފާހަގަކުރެވެނީ އެމްޑީޕީ އާއި މިސަރުކާރަށް ތާޢީދު ބޮޑު އަތޮޅެއްގެ ގޮތުގައެވެ. އެހެންކަމުން މިސަރުކާރު ވަރަށް ބޮޑު ސަމާލުކަމެއް ށ. އަތޮޅަށް ދެއްވާކަން ފާހަގަކުރެވެއެވެ.

© 2023 milauthuru. All rights reserved.