މިލައުތުރު

ކެނޑިޑެސީ ފޯމް ހުށަހަޅަން ކުޑަތަންވެފައި، ޤާސިމަށް ހަދާނެގޮތް ހުސްވެފައި

އަންނަ ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ކެނޑިޑެސީ ފޯމް 7 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަން ޖެހޭނެއެވެ.  އަދި އެއީ މީގެ އެންމެ 3 ދުވަސް ފަހެވެ. އެހެން ނަމަވެސް އަދިވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު އުޅުއްވަނީ ވާދަކުރެއްވުމާ ނުކުރެެއްވުމާއި، ވަކި ފަރާތަކަށް ތާޢީދުކުރެއްވުމާ ނުކުރެއްވުމުގައި ގޮތެއް ނުނިންމިގެންނެވެ. މިހާތަނަށް އެތައް ފަހަރަކު ކައުންސިލްގެ ބައްދަލުވުންތައް ބާއްވަވާ އެކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ. މިކަމާ ގުޅިގެން ޢާންމުންގެ މެދުގައި ވެސް ތަފާތު ގޮތްގޮތަށް ވާހަކަތައް ފެތުރެއެވެ. ބައެއް މީހުން ބުނާގޮތުގައި ޤާސިމް އިބްރާހީމްގެ ނަމެއް ވޯޓް ކަރުދާސްކޮޅާ ހަމައަކަށް ނުފޯރާނެއެވެ. އެހެނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަކީ އެއަށް ވުރެން ފިނޑިމީހެއް ކަމަށެވެ. އެހެން ނޫން ނަމަ މިހާރު އެއްވެސް ސުވާލެއް ނެތް މިންވަރަށް ރައްޔިތުންނަށް އެކަން ޔަޤީންކޮށްދެވެން ވާނެއެވެ.

ގިނަ ބަޔަކަށް ޤަބޫލުކުރެވޭ ގޮތުގައި ޤާސިމް ވާދައެއް ނުކުރައްވާނެއެވެ. އަދި ތާޢީދުކުރައްވާނީ ވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށެވެ. އަދި ވާދަކުރައްވާ ވާހަކަދައްކަވަނީ ހިތްހަމަޖެހޭ ވަރުގެ މާލީ މަންފާ ލިބޭ ޑީލެއް ކަށަވަރު ނުވާތީ ކަމަށެވެ. އަނެއް ބަޔަކު ދެކޭގޮތުގައި އެމަނިކުފާނު ވާދަކުރެއް ވިޔަސް ކުރައްވާނީ ޕާޓީގެ އެތެރޭގެ ޕްރެޝަރަށް ކަމަށެވެ. ޖުމްހޫރީ ޕާޓީގެ މިހާރުގެ ލީޑަރޝިޕްގައި ތިއްބެވީ އެހާ ފަސޭހައިން ގޮތް ދޫކުރައްވާނެ ބައެއް ނޫންކަމަށެވެ. އޭގެ ތެރޭގައި ގިނައީ އެކި ޕާޓީތަކުން ކެނޑިގެން އައިސްތިއްބެވި ބޭފުޅުންކަމަށް ވާތީއެވެ. އެބޭފުޅުން ބޭނުންފުޅުވާނީ ކޮންމެ އަގެއް ދީގެން ވިޔަސް ޤާސިމް އިބްރާހީމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ފޯމިއުލާއެއް ހޯއްދެވުމެވެ.

© 2023 milauthuru. All rights reserved.