ކުރީގެ ރައީސް ޑރ. މުޙައްމަދު ޙަސަން މަނިކު މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ. ރައީސް ވަހީދު ޖޭޕީއަށް ސޮއިކުރެއްވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދެއްވާނެކަމަށް ބުނެ އެމަނިކުފާނުގެ އަތްޕުޅުން އޮޅުވާލައިގެން ބަޔަކު 1 މިލިޔަން ޑޮލަރު ނެގިކަމަށް ބުނެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. ރައީސް ވަހީދަކީ ކުރީގެ ރައީސް ޔާމީނަށް ވަރަށް ވަފާތެރި ބޭފުޅެކެވެ. އެހެންކަމުން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅުންކޮޅެއްގެ ފަރާތްފުޅުން އެފަދަ އިޝާރާތެއް ކުރެއްވުމުން އިތުބާރުކުރައްވާ ފައިސާ ދެއްވީކަމުގައި ބައެއް މީހުން ބުނެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭނެކަމަށް ކަނޑައެޅުއްވި ދުވަހު ރައީސް ވަހީދު ފެނިފައި ވަނީ އާދަޔާ ޚިޔާފަށް ޙަރަކާތްތެރިކޮށެވެ. އަދި ފެނިފައި ވަނީ ވަރަށް ބޮޑު އުންމީދެއްގައި ހުންނެވި މަންޒަރެވެ. އެގޮތުން އެމަނިކުފާނުގެ ކުށުގެ ރެކޯޑު ސާފުކުރެއްވުމަށް ފޯމު ފުރުއްވިކަމަށް ވެސް ވެއެވެ. އެހެން ނަމަވެސް އޭގެ އަނެއް ދުވަހު ޑރ. މުޢިއްޒަށް ރިޔާސީ ޓިކެޓް އެރުވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ޕީޕީއެމްގެ އެޑްވައިޒަރުކަމާއި، މެންބަރުކަމުން ވެސް ވަކިވެވަޑައިގަތެވެ. އަދި ހަމަ އެވަގުތުން ފެށިގެން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި ބައްދަލުކުރެއްވުމަށް އެދިވަޑައިގެން ސަން އައިލޭންޑް ރިސޯޓަށް ވަޑައިގެން ލީޑަރާ ބައްދަލުކުރައްވާފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީއެވެ.