މިލައުތުރު

ޑރ. މުޢިއްޒަށް ކުޅުދުއްފުށިން ލިބުނު ބޮޑު ތަރުޙީބުން ތިލަދުންމަތި ގުޑުވާލައިފި!

ރިޔާސީ އިންތިޚާބުގެ ފޯރި ގަދަވާން ފަށާފައި މިވާ ދަނޑިވަޅުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒު ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން ފެނިގެންދިޔައީ ލޯބި އުތުރި އަރައިގެންދިޔަ މަންޒަރެވެ. އެމީހުންގެ އުންމީދުތަކާއި ގުޅިފައިވާ ކެންޑިޑޭޓް ޒިޔާރަތްކުރެއްވުމުން މަރްޙަބާ ކިޔާ ސަލާންކޮށްލުމަށް ތިބީ ކެތްމަދުވެފައެވެ. އެހެންކަމުން ފެނިގެން ދިޔައީ ކޮޅާ ކޮޅު ނުފެންނަ ދިގު ސަފުތައް އެތުރިލާފައި ވާތަނެވެ. މިއީ ޚުދު ޑރ. މުޢިއްޒު ވެސް އަދި އެހެން އެއްވެސް ސިޔާސީ ލީޑަރެއް ވެސް އުންމީދު ކުރެއްވި އަދި ޖެއްސެވި ހިސާބެއް ވެސް ނޫނެވެ. ޚުދު ޕީއެންސީގެ ހިސާބު މާސްޓަރަށް ވެސް ޤަބޫލުކުރެއްވުނު ކަމެއް ނޫނެވެ. އެހެންކަމުން އުތުރުގެ އެންމެ މުހިންމު ވިޔަފާރި ހަބުގެ ކުލަވަރު ބަދަލުވުމަކީ މުޅި ބޮޑު ތިލަދުންމަތި ވެސް ގުޑާނެކަމެކެވެ.

ތިލަދުންމަތީގެ މަންޒަރުތައް ފެނިފައި މުޢިއްޒު އެއްބުރުން އިންތިޚާބު ކާމިޔާބު ކުރައްވަފާނެކަމަށް ދެކެވޭ ވާހަކަތައް ވެސް އިތުރު ވެއްޖެއެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ހިތްވަރާއި، މަސައްކަތް ކުރުމުގެ ރޫޙަށް ވެސް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. އެމީހުންނަށް އުންމީދު ބޮޑުވެ އުފާވެރިކަން ލިބިއްޖެއެވެ. އަދި އެމީހުންނާއި ގުޅުމަށް ޝައުޤުވެރިވާ މީހުންގެ އަދަދު ވެސް ބޮޑުތަނުން އިތުރު ވެއްޖެއެވެ. އަދި ކުރިން ސިޔާސީ ޙަރަކާތްތަކުން ގެއްލިފައި ތިބި އެޕާޓީއަށް ނިސްބަތްވާ އެކްޓިވިސްޓުންތައް ވެސް އަލުން ގުޅެމުންދާން ފަށައިފިއެވެ. ރަށް ރަށުގައި އަޑުކެނޑިފައި އޮތް ޕީޕީއެމްގެ ރޫޙް އަލުން ވަރުގަދަވެއްޖެއެވެ.

ބޮޑު ތިލަދުންމަތީގައި ހިމެނޭ ހއ. ހދ. ށ. އަތޮޅުގެ ރަށްތައްކަށް ހަމަ ރަގަޅަށް ވެސް އޭގެ އަސަރުކޮށްފިއެވެ. ކުރިން އަޑުތައް ފެތުރިފައި ވަނީ ރިޔާސީ އިންތިޚާބު އެއްބުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކާމިޔާބު ކުރައްވާނެކަމަށެވެ. އެހެން ނަމަވެސް އެއީ އަދި ޙަޤީޤަތް ނޫންކަން މީހުންނަށް ޔަޤީންވެއްޖެ ކަހަލައެވެ. މީހުން ބިރު ފަހަނައަޅާ ނިކުމެއްޖެއެވެ. ސަރުކާރުގެ ކެންޑިޑޭޓާ ދެކޮޅަށް ކުރެވެމުންދާ އިހުތިޖާޖުތައް އިތުރަށް ވަރުގަދަ ވެއްޖެއެވެ. އެއީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެކަން ޔަޤީނެވެ.

ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން މިހާރު މަސައްކަތްކުރަމުން ގެންދަނީ ސީދާ އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރާށެވެ. މިއީ މީގެ ކުރިން ޚުދު އެމީހުން ވެސް މަސައްކަތްކުރި ރޫޙެއް ނޫނެވެ. ކުޅުދުއްފުށި ސިޓީން ދައްކާލި ބޮޑު މަންޒަރުން ރާއްޖޭގެ ސިޔާސީ މަޝްރަހު މުޅިން ބަދަލުކޮށްލައިފިއެވެ.