އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް މުޙައްމަދު އަސްލަމް މިއަދު ށ. ކޮމަންޑުއަށް ވަޑައިގަތުމުން ހޫނު މަރްޙަބާއެއް ކިޔައިފިއެވެ. އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނުގެ އިސްތިޤުބާލަށް ބަނދަރު ސަރަޙައްދަށް ނިކުގެ ސަލާންކުރައްވާފައެވެ. ކޮމަންޑޫގައި ކުރިއަށް ގެންދެވި ކެމްޕެއިން ޙަރަކާތްތަކުގައި އިސްކޮށް ހުންނެވީ ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ރާޝިދު (ރާޑޯ)އެވެ. ކޮމަންޑޫ އަކީ މިސަރުކާރުގެ ވަރަށް ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދާ ރަށެކެވެ. އޭގެތެރޭގައި ކޮމަންޑޫގެ ބިން ހިއްކުމާއި، ދެކޮމަންޑޫ ގުޅުވާލުމާއި، ޑޮމެސްޓިކް އެއާޕޯޓެއް ތަރައްޤީކުރުން ހިމެނެއެވެ. މީގެތެރެއިން އެއާޕޯޓްގެ މަސައްކަތް ފިޔަވާ އެހެން ހުރިހާ މަސައްކަތެއް ވަނީ ފެށިފައެވެ.
ރަނިންމޭޓް އަސްލަމް މިއަދު ކޮމަންޑޫ ދާއިރާގެ ރަށްރަށާއި، ށ. އަތޮޅުގެ އެހެން ރަށް ރަށަށް ވެސް ވަޑައިގެން ވަނީ އެމްޑީޕީގެ ސަޕޯޓަރުންނާއި، ބައްދަލުކުރައްވާފައެވެ. މަންޒަރުތައް ފެންނަ ގޮތުގައި ށ. އަތޮޅުގެ އަޣުލަބިއްޔަތު އެމްޑީޕީ އިން ނަގާނެއެވެ. އިދިކޮޅު ފަރާތްތައް ފެންނަނީ ތަންކޮޅެއް ލޮނުމަޑުކޮށް ތިބޭތަނެވެ. އެމީހުން ތިބީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ށ. އަތޮޅަށް ވަޑައިގަތުމުން ނޫނީ ކެމްޕެއިން ވެސް ނުފަށާން ކަހަލައެވެ. ނޫނީ ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭތީ ކޮންމެ ވެސް ވަރެއްގެ މާޔޫސްކަމެއްގައެވެ. އެމްޕީ ރާޑޯ ވިދާޅުވާ ގޮތުގައި ކޮމަންޑޫ ދާއިރާގެ އިތުރުން މުޅި ށ. އަތޮޅުގެ %70 ރައީސް އިބޫއަށް ނަންގަވާނެކަމަށެވެ. މިއީ އެމްޑީޕީއަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެއެވެ.