މިލައުތުރު

ޒަކާތު ނަފާ ޕްރޮގްރާމުގެ ނަތީޖާ ވަރަށް ރަގަޅުވެއްޖެ

ސަރުކާރުގެ ދަނޑުވެރިކަމާ ބެހޭ ކުންފުނިކަމަށްވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒާއި ގުޅިގެން ހިންގަވާ ޒަކާތު ނަފާ ޕްރޮގްރާމުގެ ނަތީޖާ ހީކުރި ވަރަށް ވުރެން ވެސް ރަގަޅުކަމަށް ފާހަގަކުރެވިއްޖެއެވެ. އެޕްރޮގްރާމުގެ ބައިވެރިއެއް ކަމަށްވާ ހދ. ނޮޅިވަރަމް ރަޝީދާ އުޘްމާންގެ ވާހަކައިން އެނގިގެންދިޔަ ގޮތުގައި އޭނާގެ ދިރިއުޅުމުގެ ޙާލަތު މިހާރު ވަރަށް ބޮޑަށް ހެޔޮ ވެގެން ހިނގައްޖެއެވެ. ކުރީގައި އެއްވެސް މަސައްކަތެއް ކުރެވޭނެ މަގެއް ފެނިފައި ނެތް ރަޝީދާއަށް ދެމެހެއްޓެނިވި ގޮތެއްގައި ޢާމްދަނީ ލިބޭނެ މަސައްކަތެއްގެ ގޮތުގައި ދަނޑުވެރިކަން ކުރަން ވަނީ ފެށިފައެވެ. އަދި ކޮންމެ މަހަކު ވެސް ރަގަޅު ޢާމްދަނީއެއް މިހާރު ލިބެމުންދެއެވެ.

ރަޝީދާ ފާހަގަކުރެއްވި ގޮތުގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ހުރިހާ ސާމާނަކާއި، އާލާތެއް ވަނީ އެގްރޯނެޓުން އޭނާއަށް ފޯރުކޮށްދެއްވާފައެވެ. އަދި ދަނޑުވެރިކަމާ ގުޅޭ ފަންނީ މަޢުލޫމާތާއި، ތަމްރީނުތައް ވެސް ވަނީ ފޯރުކޮށްދެއްވާފައެވެ. އެގޮތުން ކުރިން ނޭނގޭ އެތައްކަމެއް މިހާރު ވަނީ ދަސްވެފައެވެ. އެހެންކަމުން ރަޝީދާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އެގްރޯނެޓުގެ ފޭސްބުކް ޕޭޖުގައި ޕޯސްޓްކޮށްފައިވާ ކުރު އިންޓަވިއުކޮޅަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އިއްޔެގެ ވަގުތެއްގައި ޕޯސްޓްކުރުމާ އެކު ވަރަށް ގިނަ ބަޔަކު ވަނީ ރަޝީދާގެ ވީޑިއޯ ބަލާފައެވެ.

© 2023 milauthuru. All rights reserved.