ފުވައްމުލައް ސިޓީން އަދާލަތު ޕާޓީގެ ޢާންމު މެންބަރުންތަކެއް ޑރ. މުޢިއްޒަށް މަރްޙަބާ ކިޔާ ތާއީދުކުރި ވާހަކަ އަކީ އެއްވެސް ޙަޤީޤަތެއް ނެތް މަރުމޯލު ވާހަކަތަކެއް ކަމަށް އަދާލަތު ޕާޓީ އިން ބުނެފިއެވެ. އަދި މަރްޙަބާ ދެންނެވުމަށް ނިކުތް 13 މީހުންގެ ތެރޭގައި ގިނައީ އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުން ކަމަށެވެ. އަދާލަތު ޕާޓީ މެންބަރުންނަކީ ވަރަށް ސާބިތުކަމާ އެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަހަތްފުޅުގައި ތިއްބެވި ބައެއް ކަމަށެވެ. އަދި އަދާލަތު ޕާޓީގެ ކުލަ އާއި ލޯގޯ އާއި ޝިއާރުތައް އެހެން ބަޔަކު ސިޔާސީ ބޭނުމެއްގައި ބޭނުންކުރުން ކުއްވެރިކުރާކަމަށެވެ.
ބައެއް މީހުން ދެކޭގޮތުގައި އަދާލަތު ޕާޓީގެ ޓީޝާޓު ލައިގެން އެހެން ޕާޓީއެއްގެ ބަޔަކު ނިކުތުމަކީ ވަރަށް ބޮޑު ގޯހެއްގެ ފެށުންކަމުގައި ވެދާނެކަމަށެވެ. އަދި ޙަޤީޤަތެއް ނެތް މިފަދަ ކަމަކުން މުޖުތަމަޢުގައި ބޮޑު ފިތުނައެއް އުފެދިދާނެކަމަށެވެ. މިއީ ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ފަދަ ސީރިިއަސް މައްސަލައެއް ކަމަށެވެ. އަދި އެއްވެސް ބަޔަކު އެފަދަ ޢަމަލެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެފަދަ ކަންކަމަށް ހިތްވަރުދީ ނެހެދުމަށް އިލްތިމާސްކުރާ ކަމަށެވެ.