މިލައުތުރު

ރިޔާސީ އިންތިޚާބަށް ޤާސިމް އިބްރާހީމް ބަނބުކެޔޮ ތެލުލައިދޭން ފަށްޓަވައިފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެންމެ އާދަޔާ ޚިލާފު ވާހަކަފުޅުތަކާއި، ކަންތައްތައް ކުރައްވާ ކެންޑިޑޭޓުކަން އެއްވެސް ޝައްކެއް ނެތްގޮތުގައި ޔަޤީނެވެ. ބައެއް ރަށްރަށުގައި ހިނިފުޅުވަޑުވާ ވަރަށް ސަކަ ގޮތް ގޮތަށް ވާހަކަފުޅުތަކެއް ދައްކަވާފާނެއެވެ. އަނެއް ބައި ރަށްރަށުގައި ކީރިތިކުރައްވާ ވަރަށް އަސަރު ގަދަ އަދި ޖަޒުބާތުން ބުރިގެންވާ ފަދަ ވާހަކަފުޅުތަކެއް ދައްކަވާފާނެއެވެ. އަދި ވިދާޅުވެ ދާނެތެވެ. ތިމަން މަނިކުފާނު މިއުޅުއްވަނީ ވެރިކަން ބޭނުންފުޅުވެގެން ނޫންކަމަށާއި، ރައްޔިތުންނައްޓަކައި ޚިދުމަތް ކޮށްދެއްވުމަށް ކަމަށެވެ. އަދި އަނެއްބައި ފަހަރަށް އެމަނިކުފާނު ކޮށްދެއްވިހާ ކަމެއްގެ ވާހަކައިން ކަލަގޮވާފާނެތެވެ. އަދި ހަމަ އެހެންމެ ކުއްލިއަކަށް ހުރިހާ ކަމެއް މައާފު ވެސް ކޮށްދެއްވަފާނެއެވެ. އަދި ރައްޔިތުންނަށްޓަކައި ފުރާނަ ދުއްވާލަން ވެސް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އެންމެ ފަހުން އދ. އަތޮޅުގައި ގޭގެއަށް ވަޑައިގެން ބަނބުކެޔޮ ތެލުލައިދެއްވަން ވެސް ފައްޓަވައިފިއެވެ. އެހެންކަމުން މިފަހަރު ޤާސިމަށް ވޯޓު ނުދީ ފަރުޖެއްސޭނެ ހަމަ އެއްވެސް ގޮތެއް ރައްޔިތުންނަކަށް ނެތެވެ.

އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ޤާސިމް އިބްރާހީމް ފެންނަނީ އާދަޔާ ޚިލާފު އެހެން ކަންކަން ވެސް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ރައްޔިތުންނާ ކުރައްވާ ޒުވާބުތަކެވެ. ށ. ކަނޑިތީމުގައި ރައްޔިތުންނަށް އިންޒާރުތަކެއް ދެއްވާ ވަރަށް ކޯފާ އިސްކުރައްވައި ވިދާޅުވީ އެމަނިކުފާނާއި ބައްދަލުކުރައްވަން އެކަކު އަޔަސް ނަޔަސް ވަރިހަމަކަމަށެވެ. އަދި އެމަނިކުފާނުގެ ވާޖިބަކީ ހެޔޮ ގޮތް ވިދާޅުވެދެއްވުން ކަމަށެވެ. އެވާހަކަފުޅުތައް އަޑުއެހުމާ ނޭހުމާއި، ޤަބޫލުކުރުމާ ނުކުރުން އެއީ ރައްޔިތުންގެ ކަމެއް ކަމަށެވެ. މިއީ މިއަހަރުގެ ރިޔާސީ ރޭހުގައި ވާދަކުރައްވާ އެހެން އެއްވެސް ބޭފުޅެއްގެ ފަރާތްޕުޅުން ފެންނަ ކަންކަމެއް ނޫނެވެ. އެހެންކަމުން ޤާސިމް އަކީ މިފަހަރުގެ ހަމަ ލެޖަންޑެކެވެ.

© 2023 milauthuru. All rights reserved.