މިލައުތުރު

ޙަސަން ޒަމީލްގެ ވެރިކަމެއްގައި ކުދި ރަށް ރަށުގައި ޕީއެސްއައިޕީ ހިންގުން ހުއްޓާލާނެ

މިއަހަރުގެ ރިޔާސީ ރޭހުގައި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓެއް ކަމަށްވާ ޙަސަން ޒަމީލްގެ މެނިސްފެސްޓޯ ރޭގައި ފޭސްބުކް ވެދުވެރިކޮށް ވަނީ އިޢުލާން ކުރައްވާފައެވެ. އެމަނިކުފާނުގެ ވިޔަފާރި އާއި އިޤްދިޞާދީ ސިޔާސަތުގައި ވާގޮތުން އާބާދީ މަދު އަދި ކުދި ރަށް ރަށުގައި ޕީއެސްއައިޕީގެ ދަށުން އެއްވެސް މަޝްރޫތައް ހިންގެވުން ހުއްޓާލައްވާނެކަމަށް ބަޔާންކުރައްވާފައި ވެއެވެ. މަސައްކަތް ކުރައްވާނީ ވިޔަފާރި އާއި އިޤްތިޞާދު ހިންގެވުމަށް ބޭނުންވާނެ މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސެވުމަށް ކަމަށް ވެސް ބަޔާންކުރައްވާފައި ވެއެވެ. ޙަސަން ޒަމީލް ވަކާލާތުކުރައްވަނީ ކޯލިޝަން ނޫންގޮތެއް ބޭނުންވާ ކަމަށެވެ.

ޒަމީލްގެ މެނިފެސްޓޯގައި ސަރަޙައްދީ ތަރައްޤީއަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައި ވެއެވެ. އެގޮތުން މާލޭގެ އިތުރުން ރާއްޖޭގެ ދެ ސަރަޙައްދެއްގައި އެއްލައްކަ މީހުންގެ އާބާދީއަކަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ޤާއިމުކުރައްވާނެ ކަމަށެވެ. ސަރަޙައްދުތައް ކަނޑައަޅުއްވާނެ ގޮތް ބަޔާންކުރައްވާފައި ނެތް ނަމަވެސް މާލެ އިން ލިބޭ ހުރިހާ ޚިދުމަތަކާއި، ވަޞީލަތެއް އެއްފެންވަރެއް ގައި ނުވަތަ އެއަށް ވުރެން ވެސް ރަގަޅަށް ލިބޭނެ ގޮތަށް ތަރައްޤީކޮށްދެއްވާނެ ކަމަށެވެ. މި ސިޔާސަތުގެ މަޤުޞަދެއްކަމުގައި ވާނީ ސަރުކާރު ހިންގުމުގެ އިދާރީ ޚަރަދުތައް ކުޑަކުރުން ކަމުގައި ބެލެވެއެވެ. އަދި ކުދިން އާބާދީތަކުން މީހުން އެ ސަރަޙައްދުތަކަށް ބަދަލުވުމަށް ބާރުއަޅުއްވާނެ ކަމަށެވެ. މިއީ ސަރަޙައްދީ ތަރައްޤީގެ ތެރެއިން އެއްފަސްކުރުމުގެ މޮޑެލްއެއް ކަމަށް ވެސް ބެލެވެއެވެ. އަދި ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ވަރަށް އެކަށީގެންވާ ސިޔާސަތެއް ކަމަށް ވެސް ބެލެވެއެވެ.

ޙަސަން ޒަމީލްގެ ރަނިންމޭޓަކީ އެމަނިކުފާނުގެ އަނބިކަނބަލުންނެވެ. އަދި އިންތިޚާބީ އެޖެންޓަކީ އެމަނިކުފާނުގެ ދަރިކަލެއް ކަމަށް ވެސް ވެއެވެ. އެހެންކަމުން އިންތިޚާބުގެ ހުރިހާކަމެއް ވެސް އިންތިޒާމް ވެގެންދާނީ އާއިލާގެ ތެރޭގައި ކަމަށް ވިޔަސް ހެޔޮ އެދިވަޑައިގަންނަވާ ވަރަށް ގިނަ ފަރާތްތަކެއް ތިއްބެވިކަމަށް ވިދާޅުވެއެވެ. އަދި މެނިފެސްޓޯ އެކުލަވާލުމުގައި ވެސް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިލެއްވިކަމަށާއި، އެހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ރައްޔިތުން ފުންކޮށް ވިސްނާލެއްވުމަށް ފަހު، ކެންޑިޑޭޓް ނަންބަރު-2 އަށް ވޯޓުދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

© 2023 milauthuru. All rights reserved.