މިލައުތުރު

ޑރ. ޝާހު މާހިރު ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވައިފި

މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ޑރ. ޝާހު މާހިރު އެމަޤާމުން އިސްތިއުފާ ދެއްވުމަށް ފަހު ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންފިއެވެ. ޑރ. ޝާހު މާހިރު ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކުރިފުޅުމަތީގައެވެ. ޝާހު ގުޅިވަޑައިގަތުމުން ޑިމޮކްރެޓްސްގެ އިސްވެރިން ވަނީ އެމަނިކުފާނަށް މަރްޙަބާ ދަންނަވައި، ޝުކުރު އަދާކުރައްވާފައެވެ. ޒުވާން ލީޑަރޝިޕެއް އޮތް ސިޔާސީ ޕާޓީއެއް ކަމަށްވާ ދަ ޑޮމޮކްރެޓްސް އަކީ ރާއްޖޭގައި އެންމެ ފަހުން ރަޖިސްޓަރީ ކުރެވުނު ސިޔާސީ ޕާޓީއެވެ. އެހެން ނަމަވެސް އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ގެންދަނީ ފޯރިގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ. ބައެއް ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި ދަ ޑޮމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ވެސް ވާދަވެރި ނަތީޖާއެއް ހޯއްދަވާނެއެވެ. އަދި ފެންނަމުންދާ މަންޒަރުތަކުން އެއީ ވެދާނެކަމެއް ކަމުގައި ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ.

ޑިމޮކްރެޓްސް އަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) ވެސް މަސައްކަތްޕުޅު ކުރައްވާ ސިޔާސީ ޕާޓީއެވެ. އެހެންކަމުން އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަވަނީ ރިޔާސީ ކެންޑީޑޭޓް އިލްޔާސް ލަބީބަށް ތާއީދު ހޯދުމަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ޙަރަކާތްތައް ހިންގަވަމުންނެވެ. އަދި ފާހަގަކުރެވެނީ ވަރަށް އިފެކްޓިވްކޮށް ކެމްޕެއިން ކުރައްވާ ބައެއްގެ ގޮތުގައެވެ. އެހެންކަމުން ގިނަ ބަޔަކު ތިބީ 9 ސެޕްޓެމްބަރުގައި އެޕާޓީއަށް ކާމިޔާބު ކުރެވޭނީ ކިތައް އިންސައްތަ ވޯޓުތޯ ބެލުމަށް ކެތްމަދުވެފައެވެ. އަދި ފާހަގަކުރެވެނީ ބޮޑެތި އާބާދީތަކުގައި އެމީހުންގެ ތާއީދު ނިސްބަތުން ބޮޑުކަމެވެ. އެހެން ނަމަވެސް ބައެއް ސަރަޙައްދުތަކުގައި އެމީހުންގެ އެއްވެސް ޙަރަކާތެއް ހިނގާތަނެއް އެއްގޮތަކަށް ވެސް ނުފެނެއެވެ.

© 2023 milauthuru. All rights reserved.