މިލައުތުރު

މަޝްހޫރު ތަރިންގެ ފެނިލުމާ އެކު ކެމްޕެއިން އިހުނަށް ވުރެ ފޯރި ގަދަވެއްޖެ

ރިޔާސީ އިންތިޚާބުގެ ވޯޓުލާ ދުވަސް ކައިރިވަމުންދާ އިރު، ހުރިހާ ސިޔާސީ ޕާޓީއެއް ވެސް ފެންނަނީ ކެމްޕެއިން ޙަރަކާތްތައް އިތުރުކޮށް ވަރުގަދަ ކުރަމުންދާ މަންޒަރެވެ. ރެޔަކީ މިއަހަރުގެ ރިޔާސީ ކެމްޕެއިންގައި މިހާތަނަށް އައި އެންމެ ބޮޑު ރޭކަމުގައި ވާނެކަން ޔަޤީނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އޮތް ތާޢީދުގެ ބޮޑު މަންޒަރު ދައްކާލި ރެއެކެވެ. އެމްޑީޕީ އިން ބުނާގޮތުގައި ރައީސް ޞާލިޙްގެ ސަޕޯޓަރުންނާއި އެކު މާލޭ އަލިމަސް ކާނިވަލް ސަރަޙައްދުގައި ރޭގައި ބޭއްވި ކެމްޕެއިން އިވެންޓުގައި 5000 މީހުން ބައިވެރިވެފައި ވެއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެންމެ ވޯޓަކީ ވެސް ވަރަށް މުހިންމު އެއްޗެއް ކަމަށާއި، ކޮންމެ ބޭފުޅަކު ވެސް އިތުރު އެއް ވޯޓު ހޯއްދަވައިދެއްވުމަށެވެ. އަދި އިންތިޚާބު އޮތީ މިހާރު ވެސް ކާމިޔާބު ވެފައި ކަމަށާއި، އުފާވެރި އަމާންރާއްޖެ ދާދި އަވަށް ފެންނާނެކަމަށެވެ. އަދި ހަމަ އެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވީ އެމްޑީޕީ އިން ނަގާނެ ވޯޓުގެ ނިސްބަތް %56 އަށް ވުރެން އެންމެ ތަންކޮޅެއް ވެސް ދަށް ނުވާނެކަމަށެވެ.

ލަވަޔާ މިއުޒިކާ އެކު ބޭއްވި ފޯރިގަދަ ޙަރަކާތުގައި ދެން އެންމެ ފާހަގަކޮށްލެވުނު ކަމަކީ މަޝްހޫރު ތަރީންގެ ފެނިލުމެވެ. އެހިނދު އެމްޑީޕީގެ ޒުވާނުންތައް އުތުރި އަރައިގެން ދިޔައެވެ. ޒުވާނުންގެ ހިތްތަކުގެ ރާނީ އައިޝާގެ ފެނިލުމަކީ އާދައިގެ ކަމަށް ނުވިއެވެ. އެމީހުންނަށް ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެ ފަދައެވެ. ބައެއް ޒުވާން ފިރިހެން ކުދިން އެކުދިންގެ އިހުސާސްތައް ސޯޝަލް މީޑިޔާއަށް ބަންޑުން ކޮށްލިއެވެ. އަދި މުޅި މީޑިޔާގައި ފޮޓޯތައް ފަތުރާލިއެވެ.

އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ ޖަލްސާގައި އުންމީދުކުރި ވަރާ ގާތައް ވެސް މީހުން ބައިވެރިވެފައި ނެތްކަމަށާއި، އެތާ އެކު ޖުމްލަ ގޮނޑި ޖެހި ޢަދަދަކީ ވެސް 1618 ކަމަށާއި، މުޅި ސަރަޙައްދު ފުރާލިޔަސް އެތާ އެންމެ ގިނަވެގެން ވެސް ތިބެވޭނީ 4000 މީހުންނަށް ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ކެމްޕެއިންގައި ޕީޕީއެމް އިން އެތާ ބޭއްވި ޖަލްސާގެ މަންޒަރު މިއަށް ވުރެން ދެގުނަ ބޮޑުކަމަށެވެ.

© 2023 milauthuru. All rights reserved.