އެމްޑީޕީގެ އެތެރޭގައި އުފެދުނު ސިޔާސީ ޚިޔާލުތަފާތުވުންތަކަށް ފަހު އެމްޑީޕީގެ ރައީސް އެޕާޓީ ދޫކޮށް އަލަށް އުފެދުން ސިޔާސީ ޕާޓީއެއް ކަމަށްވާ ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގަތުމުން މިހާރު ފުރުއްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމުގެ މަޤާމުން ދުރުކުރުމަށްޓަކައި އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެޖޯރިޓީ މެންބަރުންގެ ސޮޔާ އެކު ވަނީ ހުށަހަޅުއްވާފައެވެ. މަޖިލިސްގެ ޤަވައިދުގައި އެކަން ކުރުމަށް ދަތިތަކަކާއި ކުރިމަތިވެ އިތުބާރު ނެތްކަމުގެ ވޯޓު ނުނެގި އޮއްވައި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ވަނީ ބޭއްވިފައެވެ. އަދި ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ އަމިއްލަ ބާރު ކެނޑި ރައީސް ނަޝީދު އާއި ނުލާ އިންތިޚާބު ކާމިޔާބު ވުމަކީ މިހާރު ވަރަށް ނާދިރުކަމަކަށް ވަނީ ވެފައެވެ. މިޙާލަތު އައުމާ އެކު އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް އެމްޑީޕީ އިން މިއަދު މަޖިލިހަށް ހުށަހަޅުއްވައިފިއެވެ. އެހެންކަމުން އިތުބާރު ނެތްކަމުގެ މައްސަލަ ވޯޓަކަށް ނާހާ އެނިމުނީ ކަމަށް ބެލެވެއެވެ. ރައީސް ނަޝީދު އަކީ ސިޔާސީ ގޮތުން އަބަދުވެސް ހަކުޅި ކުރިއަށް ކުޅުއްވާ ބޭފުޅެކެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދު އާއި ދަ ޑިމޮކްރެޓްސް ތާޢީދުކުރައްވާނެ ކެންޑިޑޭޓެއް އަދި ނިންމަވާފައެެއް ނުވެއެވެ. އަދި ދެ ކެންޑިޑޭޓުން ވެސް އެކަމާ މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް މަޢުލޫމާތު ލިބެއެވެ. ނަތީޖާތައް ދައްކާގޮތުން ރައީސް ޞާލިޙަށް ޑިމޮކްެރެޓްސްގެ އެހީ އާއި ނުލާ މި އިންތިޚާބު ކާމިޔާބު ވުމަކީ މިހާރު މުސްތަޙިއްލުކަމެކެވެ.