މިލައުތުރު

ވޭމަންޑޫ އެމްޑީޕީގެ ފަރާތުން ރައީސް ޞާލިޙަށް ތާޢީދު ހޯދުމަށް ތިމަރަފުށީގައި ދޮރުން ދޮރަށް

އިއްޔެ އަކީ ތ. ތިމަރަފުށީ އެމްޑީޕީއަށް ވަރަށް ޚާއްޞަ ދުވަހަކެވެ. އަތޮޅުގެ ވެރިރަށްކަމުގައިވާ ވޭމަންޑޫ އެމްޑީޕީގެ ފަރާތުން ބޮޑު ވަފުދެއް ޒިޔާރަތްކުރި ދުވަހެކެވެ. އެގޮތުން ވޭމަންޑޫ ޓީމުގެ ފަރާތުން ތިމަރަފުށީގެ ގޭގެއަށް ޒިޔާރަތްކޮށް ރައީސް ޞާލިޙަށް ތާޢީދު އިތުރުކުރުމުގެ މަސައްކަތްތަކެއް ވަނީ އެރަށުގައި ކުރައްވާފައެވެ. ވޭމަންޑޫ އާއި ތިމަރަފުއްޓަކީ އަވަށްޓެރި ދެރަށް ކަމަށް ވުމުން ދެރަށުގައި ވެސް އެކުވެރި ރަޙްމަތްތެރިން ދިރިއުޅޭނެކަމަށް ބެލެވެއެވެ. ދެރަށުގެ އެމްޑީޕީ އޮފިޝަލުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ރަޙްމަތްތެރިކަން ބަދަހިކޮށް އެކުގައި މަސައްކަތް ކުރުމަށް ހިތްވަރު ލިވޭނެކަމެކެވެ. އަދި ނަތީޖާ ޙާޞިލުކުރެވޭނެ މުހިންމު ޙަރަކާތެކެވެ.

މިއީ މިހާރަކަށް އައިސް ރާއްޖޭގެ ވަރަށް ގިނަ ސަރަޙައްދުތަކުގައި ކޮށްއުޅޭކަމެކެވެ. އެހެން ނަމަވެސް ތިމަރަފުށީގައި އިއްޔެ ކުރިއަށް ގެންދިޔަ ޙަރަކާތް އާދަޔާ ޚިލާފަށް ފޯރި ގަދަކަމަށް ވެއެވެ. އަދި ބައިވެރިވި މީހުންގެ އަދަދުވެސް ވަރަށް ގިނައެވެ. އެމްޑީޕީ އިން އުންމީދުކުރާ ގޮތުގައި ދެރަށުން ވެސް ސާފު އަޣުލަބިއްޔަތު ލިބޭނެއެވެ.

© 2023 milauthuru. All rights reserved.