ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް 127332 ވޯޓް ލިބިވަޑައިގެންފައި ވެއެވެ. އަދި ސަރުކާރު ހިންގާ އެމްޑީޕީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް 108489 ވޯޓް ލިބިވަޑައިގެންފައި ވެއެވެ. އެހެންކަމުން ޑރ. މުޢިއްޒަށް %54 ވޯޓް ލިބި، ރައީސް ޞޯލިޙުގެ މައްޗަށް ކުރި ހޯއްދެވީއެވެ.
ރައީސް ޞޯލިޙަށް ލިބިވަޑައިގަތް ބޮޑު ނާކާމިޔާބީގެ ފަހަތުގައި އޮތީ އިތުރު ހަމަ އެންމެ ސަބަބެކެވެ. އެއީ އިޚްލާޞްތެރިން ވަކިކުރައްވަން އެނގިވަޑައިނުގެންނެވުމެވެ. އެހެންކަމުން އެމަނިކުފާނުގެ އެންމެ އަރިހުގައި އިތުބާރުކުރައްވައިގެން ގެންގުޅުއްވީ ފައިސާގެ އަޅުންނެވެ. އެމީހުން ދުނިޔެވީ މަންފާތަކަކަށް ނޫނީ ހަމަ އެއްވެސް ކަމެއް ކުރެއްވިތަނެއް ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ފެނިފައެއް ނުވެއެވެ.
ދެބޭފުޅުންނަށް ލިބިވަޑައިގަތް ވޯޓުގެ ފަރަޤަކީ އެންމެ 18000 ވޯޓެވެ. މިއީ އެހެން ނޫން ނަމަ އެމްޑީޕީއަށް އަތުނުލެވޭނެ ޢަދަދެއްގެ ވޯޓެއް ނޫނެވެ. އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވަމުން އެގެންދަވަނީ މިވާހަކައެވެ.