މިލައުތުރު

ހުމަޅޭ މަޖިލީހަށް، ވަލްޑޯ ކައުންސިލަށް – ފޯކައިދޫގެ ޒުވާނުން އަތްޖަހަނީ

ފޯރިގަދަ ރިޔާސީ އިންތިޚާބު ހަމަ ނިމުމާ އެކު ހުމާމް ލަތީފް (ހުމަޅޭ) ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ވާދަކުރައްވާނެ ކަމާއި، މުޙައްމަދު ވަލީދު (ވަލްޑޯ) ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވައިފިއެވެ. ދެމީހުން ވެސް އެކަން އިޢުލާން ކުރެއްވީ ފޭސްބުކްގައެވެ. އަދި ދެމީހުންނަކީ ވެސް ފޯކައިދޫގެ ޒުވާނުންނާއި ވަރަށް އުޚުއްވަތްތެރި ގުޅުމެއް އޮންނަ ދެމީހުންކަމަށް ވުމުން މުޅި ފޭސްބުކް ވެސް ލޮޅުވާލައިފިއެވެ. އެގޮތުން ޒުވާނުންގެ އުފާވެރި އިހުސާސްތަކާއި، ކަންބޮޑުވުންތައް އެއްވެސް ހިފެހެއްޓުމެއް ނެތި ސޯޝަލް މީޑިޔާއަށް ވަނީ ބަންޑުންކޮށްލާފައެވެ.

މަޖިލީހަށް ވާދަކުރައްވާނެކަން އިޢުލާންކުރެއްވި ހުމަޅޭ އަކީ ފަންނާނެކެވެ. އަދި ކައުންސިލް މެންބަރުކަމަށް ކުރިމަތިލައްވާނެކަން އިޢުލާންކުރެއްވި ވަލްޑޯ އަކީ ވެސް ޒުވާނުންގެ ކުޅިވަރުތަކުގައި އިސްވާރެކެވެ. ވަކިން ޚާއްޞަގޮތެއްގައި ޢީދުކުޅިވަރުތަކުގައި ދެގޮތެއް ނުވާ ޒުވާނުންގެ ބައިވެރިޔާއެވެ. މިހާތަނަށް އެެހެން އެއްވެސް ފަރާތަކުން ކުރިއަށް އޮތް އިންތިޚާބުތަކުގައި ވާދަކުރައްވާނެކަން ސީދާގޮތެއްގައި އިޢުލާންކުރައްވާފައެއް ނުވެއެވެ.

ޔަޤީންނުވާ މަސްދަރުތަކުން މަޢުލޫމާތު ލިބޭގޮތުގައި އެމްޕީ ރާޑޯ އާއި، ލޯޔަރު ނިޝާން އާއި، ކޮމަންޑޫ ޖަލާ ވެސް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެއެވެ. އަދި ފޯކައިދޫ ކައުންސިލްގެ ރައީސްކަމަށް ހުސެން ސައިފް (ޖޯން މައިކަލް) ވާދަކުރައްވާނެއެވެ. އަދި މިއީ ހައްތަހާ ވެސް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުންނެވެ. ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ކޮންކޮން ބައެއްކަމެއް ހާމައެއް ނުކުރައްވައެވެ. އިންތިޚާބުތައް އިންތިހާއަށް ފޯރި ގަދަވާނެކަމަށް ބެލެވެއެވެ.

© 2023 milauthuru. All rights reserved.