މިއަދު ހަވީރު ކުޅެވުނު ގުރޫޕް ބީ ގެ ފަސްވަނަ މެޗުގައި މިދިޔަ އަހަރުގެ ރަނަރަޕް ނަރުދޫ ޓީމުން 4-2 ގެ ނަތީޖާ އަކުން މަރޮށި ބަލިކޮށްފި އެވެ.
މެޗު ފެށިގެން 2 ވަނަ މިނެޓް ގައި ނަރުދޫ ޓީމުގެ ނާއިލް ޞަބާޙު ލަނޑެއް ޖަހައި ނަރުދޫ އަށް ލީޑު ނަގައިދިނެވެ. ނަމަވެސް އޭގެ 2 މިނެޓް ފަހުން މަރޮށި ޓީމުގެ އިބްރާހިމް ނިޔާޒު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފުގެ 8 ވަނަ މިނެޓުގައި މަރޮށި ޓީމުގެ ޢަބްދުރަޙްމާނު ސާމީ ލަނޑެއް ޖަހައި މަރޮށި ޓީމުން ލީޑު ނެގިއެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ނަރުދޫ ޓީމުގެ މުޙައްމަދު ނާއިޒު ނަތީޖާ ހަމަހަމަކޮށްދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މުޙައްމަދު ޖުނައިދު އިތުރު ލަނޑެއް ޖެހި އެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 3-2 ން ނަރުދޫ ކުރީގައި އޮވެގެނެވެ.
ދެވަނަ ހާފު ފެށިގެން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ނަރުދޫ ޓީމުން މޮޅަށް ކުޅެމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ވިޝާން އާރިފް އިތުރު ލަނޑެއް ޖަހައި ނަރުދޫ އަށް ލީޑު ފުޅާކޮށްދިނެވެ. ދެވަނަ ހާފުގައިވެސް މަރޮށި ޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ނަތީޖާ އަނބުރާލެވޭނެ ގޮތެއް ނުވިއެވެ. މިނަތީޖާއާއި އެކު މުބާރާތުގައި މަރޮށި ޓީމުން ކުޅުނު ދެމެޗުން ވެސް ވަނީ ބަލިވެފައެވެ
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނަރުދޫ ޓީމުގެ ޖާޒީ ނަންބަރ 21 މުޙައްމަދު ނާއިޒެވެ. ނަރުދޫ ޓީމުން މި މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި އަންގާރަ ދުވަހުގެ ހަވީރު 16:00 ގައި ނުކުންނާނީ މުބާރާތުގެ ގުރޫޕް ބީ ގެ މެޗުތައް ބާއްވާ މާއުނގޫދޫ އާއި ދެކޮޅަށެވެ.