އިނގިރޭސިވިލާތަށް ފަސް ދުވަހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅަށް 153،689.92 ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އިނގިރޭސިވިލާތަށް ރަސްމީ ދަތުރުފުޅެއްކުރެއްވީ މި ހިނގާ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ ނިޔަލަށެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅަކީ، އިނގިރޭސިވިލާތުގެ ލިވާފޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅިގައި ރައީސް ވަނީ ލިވަޕޫލްގެ އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި ދިވެހި ފުޓުބޯޅައިގައި ތަރައްގީ ކުރެވޭނެ ކަންކަމާއި، އުންމީދީ ކުޅުންތެރިންނަށް ފުރުސަތު ފަހިކޮށްދެވޭނެ ގޮތްތަކާ މެދު ވަނީ މަޝްވަރާކުރައްވާފައެވެ.
ރައީސް ވަނީ ”ފުޓްބޯލް ފޮ ޕީސް“ ގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ޔުނިވާސިޓީ ޕީސް ސެންޓަރުގައި ފުޓްބޯލް ފޮ ޕީސްއިން ހިންގާ ހަރަކާތްތަކުގެ މައުލޫމާތުވެސް ހޯއްދަވާފައެވެ.
ލިވަޕޫލްގައި ކިޔަވާ ދިވެހި ދަރިވަރުންނާވެސް ރައީސް ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ އެކުދިންގެ ހާލު އޮޅުންފިލުއްވައި، މަތީ ތައުލީމު ހާސިލް ކުރާ ދަރިވަރުންނަށް ސަރުކާރުން ފަހި ކޮށްދެއްވާ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދަރިވަރުންނާއެކު މެންދުރުގެ ފަރީއްކޮޅެއްގައިވެސް ރައީސް ބައިވެރިވެ ވަޑައިގެންފައި ވާކަމަށް ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ޔުނިވާސިޓީ އޮފް ލީޑްސްއަށް ޒިޔާރަތްކުރައްވައި، އެ ޔުނިވާސިޓީ އާއި ރާއްޖެއާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ރައީސް ވަނީ ލީޑްސްގެ މޭޔަރާވެސް ބައްދަލު ކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ވަނީ ލަންޑަންގައި ހުންނަ ނަންބަރު 9 ރޯޖްމަންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑެންޓްސް އެސޯސިއޭޝަން ޔޫކޭ އާ އަލުން ހަވާލު ކުރައްވާފައެވެ.