އައިޝަތު ވަޙީދާ

މަރޮށި ޓީމުން ކޮމަންޑޫގެ މައްޗަށް ކުރި ހޯދައިފި

މިލައުތުރު ފުޓްސަލް މުބާރާތް ގައި ގުރޫޕް ބީ ގެ ދިހަވަނަ މެޗުގައި ކޮމަންޑޫގެ މައްޗަށް މަރޮށި ޓީމުން ކުރި ހޯދައިފިއެވެ. މިއަދު ހަވީރު ކުޅެވުނު މިމެޗު މަރޮށިން ކާމިޔާބުކުރީ 4 – 3 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ކޮމަންޑޫ އިން ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި އެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ 7 ވަނަ މިނެޓުގައި ވިލްދާން އަޙްމަދު ލަނޑެއް ޖަހައި ލީޑު ނެގިއެވެ. ދެވަނަ ހާފު ފެށިގެން 2 ވަނަ މިނެޓް ގައި ކޮމަންޑޫގެ އަޙްމަދު ނަސީމް އިތުރު ލަނޑެއް ޖަހައި ލީޑު އިތުރަށް ފުޅާކޮށްލިއެވެ. ދެވަނަ ހާފުގެ 3 ވަނަ މިނެޓް ގައި ކޮމަންޑޫ ޓީމުގެ ޖާޒީ ނަންބަރ 5 މަރޮށި ޓީމުގެ ޖާޒީ ނަންބަރ 9 ޢަބްދުއްރަޙްމާން ސާމީ އަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ.

ކޮމަންޑޫ ޓީމުން 3 ކުޅުންތެރިންނާއި އެކު ކުޅެމުން ދިއުމުގެ ފައިދާ ނަގައި ދެވަނަ ހާފުގެ 6 ވަނަ މިނެޓުގައި މަރޮށި ޓީމުގެ ޖާޒީ ނަންބަރ 9 ޢަބްދުއްރަޙްމާން ސާމީ ލަނޑެއް ކާމިޔާބު ކޮށްދިނެވެ. ދެވަނަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމާލާތައް އުފެއްދީ މަރޮށި ޓީމުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. އޭގެ 5 މިނެޓް ފަހުން އިސްމާޢީލް ނަސީރު ލަނޑެއްޖަހައި މަރޮށި ޓީމުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. ދެވަނަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޝަހުބާން އުސްމާން ލީޑު ފުޅާކޮށްދިނެވެ. މެޗު ނިމުމުގެ ކުރިން ކޮމަންޑޫ ޓީމުން ލަނޑެއް ޖަހައި ފަރަގު ކުޑަ ކުރިއެވެ. މިލަނޑާއެކު މެޗު ނިމިގެން ދިޔައީ މަރޮށި ޓީމުން ފުރަތަމަ މޮޅު ހޯދައިގެންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މަރޮށި ޓީމުގެ ޖާޒީ ނަންބަރ 10 އިބްރާހިމް ނިޔާޒެވެ. މަރޮށި ޓީމުން ހޮނިހިރު ދުވަހު ނުކުންނާނީ ފުނަދޫއާއި ދެކޮޅަށެވެ.

© 2023 milauthuru. All rights reserved.