ފޯކައިދޫން ކުރިން އަންދާޒާކުރި ވަރަށް ވުރެވެސް އިތުރަށް ފޯކައިދޫއަށް މީހުން ޒިޔާރަތްކުރާނެ ކަމަށް އެންމެ ފަހުގެ ހިސާބުތައް ދައްކައިފިއެވެ. ފޯކައިދޫ ކައުންސިލުން ލަފާކޮށްފައިވަނީ 2،000 މީހުން ބޮޑުއީދުގައި ޒިޔާރަތްކުރާނެ ކަމަށެވެ. އެހެން ނަމަވެސް މިއަދުގެ ނިޔަލަށް މީހުން ޒިޔާރަތްކުރި އަދަދަށް ބަލާނަމަ، އީދުގެ ތެރޭގައި މީހުން ޒިޔާރަތްކުރާ އަދަދު ދެގުނަ ވެދާނެ ކަމަށް ބެލެވެއެވެ.
އީދުކުޅިވަރުތައް މިރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ ވެސް ވަރަށް ޚާއްސަ ހަރަކާތްތަކެއް ވަނީ އިންތިޒާމް ކޮށްފައިކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ. އެގޮތުން އީދުކުޅިވަރު ތާވަލުގައިވާ ގޮތުން މިރޭ 20:30 ގައި ވެދުމާދިއުމާއެކު ރަސްމީކޮށް ކުޅިވަރުތައް ފެށޭނެއެވެ. އަދި 21:00 ގައި އީދުހުޅުޖެހުމުގެ އިތުރުން 21:30 ގައި ލެންޓާން އެރުވުން އޮންނާނެއެވެ.
- އީދު ފުރަތަމަ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހެނދުނު 9:30 ގައި ޒަމާނީ ތިންމުގޯލި (ފިރިހެން) ކުރިއަށްދާނެ ކަމަށާއި، ހަވީރު 16:00 ގައި އާއިލީ ހަވީރެއް، 20:45 ގައި ހަވާއެރުވުމުގެ އިތުރުން 21:00 ގައި ސްޓޭޖް ޝޯއެއް އޮންނާނެއެވެ.
- އީދު ދެވަނަ ދުވަހުގެ 6:00 ގައި ވެޓަރަންސް ފުޓްސަލް މުބާރާތެއް، 8:30 ގައި ފައިގާތެޅުން (އަންހެން)، 16:15 ގައި ކަލާ ރަން އަދި ރޭގަނޑު 20:45 ގައި ސްޓޭޖް ޝޯ އޮންނާނެއެވެ.
- އީދު ތިންވަނަ ދުވަހު 8:30 ގައި ތިންމުގޯލި (އަންހެން) އަދި ފައިގާތަޅާ (ފިރިހެން)، 11:30 ގައި އަންހެނުންގެ ކޯޑި ތައްޔާރުކުރުމުގެ ހަރަކާތް، 16:15 ގައި އަންހެނުންގެ ކޯޑިކުޅުމާއި މަގުމަތީ ހަރަކާތްތައް އަދި ރޭގަނޑު 20:45 ގައި ސްޓޭޖް ޝޯ އޮންނާނެ އެވެ.
- އީދު ހަތަރު ވަނަ ދުވަހު 8:30 ގައި ދެޖިސުގެ ތަފާތު ކުޅިވަރުތަކާއި އަންހެނުންގެ ބަށިކުޅުން، 10:30 ގައި ފިރިހެނުންގެ ކޯޑި ތައްޔާރުކުރުން، 16:1 ގައި ފިރިހެނުންގެ ކޯޑިކުޅުމާއި ދެލިމާލި ނެށުން އަދި 20:45 ސްޓޭޖް ޝޯ އޮންނާނެއެވެ.
އީދު ފަހު ދުވަހު ކުޅިވަރުތައް ނިންމާލުމުގެ ގޮތުން 10 ޖޫން ވާ އަންގާރަ ދުވަހުގެ ރޭ 20:45 ގައި ފޯކައިދޫ ކުޅިވަރު ސްޓޭޑިއަމްގައި ޘަޤާފީ ކުޅިވަރު ހަރަކާތްތަކެއް ވެސް އޮންނާނެ ކަމަށް ފޯކައިދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ.
އީދުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައިތޯ ކުރި ސުވާލަަށް ޖަވާބުދެއްވަމުން ފޯކައިދޫން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވިގޮތުގައި އުންމީދުކުރި ވަރަށް ވުރެވެސް އިތުރަށް މީހުން އަންނާތީ ވަރަށް އުފާވާކަމަށާއި، މިހާ ތަރުޙީބު ބޮޑުކޮށް ދާ ކަމަށް ވަންޏާ ގެސްޓްހައުސްތައް އިތުރުކުރަން ޖެހޭ ކަމަށެވެ. އެހެނީ އަންނަން ބޭނުންވާ އެތައް ބަޔަކަށް ހުރުމުގެ އިންތިޒާމުތައް ހަމަނުޖެހޭތީ، މިއަަހަރު ވެސް ނާދެވިފައި ތިބިކަމުގެ މަޢުލޫމާތު ލިބޭ ކަމަށެވެ. އެއީ މުސްތަޤުބަލުގައި ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.