މިއަދު ހަވީރު މިލައުތުރު ފުޓްސަލް ޓޯނަމެންޓް ގައި ކުޅެވިގެން ދިޔަ ގުރޫޕް އޭ ގެ އެގާރަ ވަނަ މެޗު ފޯކައިދޫ އިން ކާމިޔާބު ކޮށްފިއެވެ. ކަނޑިތީމު ޓީމާއި ދެކޮޅަށް ފޯކައިދޫ ޓީމުން ކުޅުނު މި މެޗު ފޯކައިދޫ އިން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާ އަކުންނެވެ. މި ދެ ޓީމަކީ ވެސް މިހާތަނަށް މި މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގައި ވެސް ވަރުގަދަ މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެ ޓީމު ކަން ފާހަގަ ކޮށްލެވެއެވެ.
މުބާރާތުގައި ކަނޑިތީމު ޓީމުން ހަތަރު މެޗު ކުޅެފައިވާއިރު އޭގެ ތެރެއިން ތިން މެޗު ވަނީ ކާމިޔާބު ކޮށްފައެވެ. އަދީ ފޯކައިދޫ ޓީމުން ވަނީ މުބާރާތުގައު މިހާތަނަށް ކުޅުނު ހުރިހާ މެޗަކުުން ވެސް ރަނގަޅު ނަތީޖާ އެއް ނެރެފައެވެ. ކަނޑީތީމު ޓީމަށް އެ ޓީމަށް އިސްމާއިލް ނިހާން އަދި ޒަޔާން ވާސިފް ލަނޑު ތަށް ކާމިޔާބު ކޮށްދީފައިވާ އިރު ފޯކައިދޫ ޓީމަށް ގޯލް ޖަހައިދީފައި ވަނީ ޖާޒީ ނަންބަރު 7 އަބްދުﷲ ސާދިޤް، ޖާޒީ ނަންބަރު 5 ހުސެއިން ފަޒީލް، ޖާޒީ ނަންބަރު 17 ފަހުދް އަބްދުﷲ އަދި ޖާޒީ ނަންބަރު 7 މުޙައްމަދު ރިޝްވާނެވެ. މި މެޗުގެ މޭން އޮފް ދަ މެޗް ކަން ފޯކައިދޫ ޓީމުގެ ޖާޒީ ނަންބަރު 7 މުޙައްމަދު ރިޝްވާން ހޯދައިފައިވާ އިރު، މި މެޗް ޝަރަފުވެރި ކޮށްދެއްވީ ޤާނޫނީ ވަކީލް މުޙައްމަދު ނިޝާން އިބްރާހީމްއެވެ.
މުބާރާތުގައި ކަނޑިތީމު ޓީމުން ދެން ބައްދަލު ކުރަން ހަމަޖެހިފައިވަނީ މުބާރާތުގެ ގުރޫޕް އޭ ގެ މެޗް ތައް ކުޅެމުންދާ ރަށް ކަމަށްވާ ގޮއިދޫ ޓީމާއި ދެކޮޅަށެވެ. ގޮއިދޫ ޓީމުންވެސް އަންނަނީ އަމިއްލަ ދަނޑުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ފޯކައިދޫ ޓީމުން ދެން ބައްދަލު ކުރާނީ ނޫމަރާ އާއި ދެކޮޅަށެވެ. މި ދެ މެޗް ވެސް ކުޅެން ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.