ށ. އަތޮލު ކަައުންސިލުން އިސް ނަގައިގެން މިހާރު ކުރިއަށް ގެންދާ މިލައުތުރު ފުޓްސަލް ޓޯނަމެންޓް ގައި މިރޭ ކުޅެވުނު ގުރޫޕް އޭ ގެ ބާރަ ވަނަ މެޗުގައި ފީވައް ޓީމު އަތުން ހަނި ނަތީޖާ އަކުން ގޮއިދޫ ކުރި ހޯދައިފިއެވެ. ގޮއިދޫ ޓީމުން މި މެޗު ކާމިޔާބު ކުރީ 1-2 ގެ ނަތީޖާ އަކުންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗް ގައި ދެ ޓީމުން ވެސް ވަނީ ތަފާތު ހުނަރު ވެރި ކުޅުމެއް ދައްކައި ހޫނު ހަަމަލާ ތަކެއް ގޯލަށް އަމާޒު ކޮށް ފޮނުވާލާފައެވެ.
ހަތަރު ޕޮއިންޓާއި އެކު މިރޭގެ މެޗަށް ނިކުން މި ދެ ޓީމުންވެސް އަންނަނީ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މެޗުގައި ފުރަތަމަ ލީޑް ނަގައިފައިވަނި ގޮއިދޫ ޓީމުންނެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ހާފުގެ ކުޅުން ނިމި އިތުރު ވަގުތުގެ ކުޅުން ކުރިއަށް ދަނިކޮށް ގޮއިދޫ ޓީމުގެ ކެޕްޓަން އިބްރާހިމް ޢަލީ ތިރިތިރިން ހުރަސް ކޮށްދިން ކޯނަރެއް އެ ޓީމުގެ މުޙައްމަދު މިސްބާހް ގޯލަ އަށް ފޮނުވައި ލައިގެންނެވެ. ގޮއިދޫ އިން މެޗުގެ ލީޑު ނަގައިފައި ވަނިކޮށް ފީވަކުން ވަނީ ފަހަތުން އަރާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަތީޖާ ހަމަހަމަ ކޮށްދިނ ލަނޑު ފީވައް ޓީމަށް ޖަހައިދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 11 ޢަލީ ޝާމް އެވެ. މެޗުގައި ދެވަނަ ފަހަރަށް ގޮއިދޫ އަށް ކުރި ހޯދައިދިނީ އެ ޓީމަށް ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ގޮއިދޫ ޓީމުގެ ޖާޒީ ނަންބަރު 31 މުޙައްމަދު މިސްބާހު މެދު ރޮނގު ކައިރި ހުރެ މަތިން ނަގައިދިން ބޯޅައެއް ގޯލްގެ ތެރެއަށް ވަދެގެންނެވެ. ގޮއިދޫ ޓީމަށް މި ލިބުނު ކާމިޔާބީ އަކު އެ ޓީމަށް މި ވަނީ މިހާރު ޖުމްލަ 7 ޕޮއިންޓް ލިބިފައެވެ.
މެޗުގެ މޮޅުކުޅުންތެރިޔާ ގޮއިދޫ ޓީމުގެ މުޙައްމަދު މިސްބާހު ހޯދައިފައި ވާއިރު މިސްބާހު އަކީ މި މުބާރާތުގައި ގޮއިދޫ ހޯދަމުން އަންނަ ކާމިޔާބީގެ ބޮޑު ރޯލެއް އަދާ ކުރަމުން އަންނަ މޮޅު ކުޅުންތެރިއެކެވެ. ގޮއިދޫ ޓީމުން އެ ޓީމުގެ އަމިއްލަ ދަނޑުގައި މި މުބާރާތް ކުޅެމުން ދާއިރު ގޮއިދޫ ދެން ގުރޫޕް ސްޓޭޖް ގައި ބައްދަލު ކުރަން ހަމަޖެހިފައި ވަނީ ކަނޑިތީމާއި ދެކޮޅަށެވެ. ކަނޑިތީމު ޓީމަކީވެސް މި އަހަރުގެ މުބާރާތުގައި އާދަޔާ ޙިލާފު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެކެވެ. މި މެޗް މި މަހުގެ 25 ވަނަ ދުވަހު ކުޅެން ތާވަލު ކޮށްފައިވާ އިރު ފީވައް ދެން ބައްދަލު ކުރާ މެޗް އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގައެވެ. މި މެޗުގައި ފީވައް ނިކުންނާނީ މި ގުރޫޕުގައި ތަފާތު ދައްކަމުން އަންނަ ފޯކައިދޫ އާއި ދެކޮޅަށެވެ.