މިލައުތުރު ފުޓްސަލް ޓޯނަމެންޓް ގެ މެޗު ތައް ހުުކުރު ދުވަހަށް މެދު ކަނޑާލުމަށް ފަހު މުބާރާތުގެ ކުޅުން މިއަދު ހަވީރު މި ވަނީ ފެށިފައެވެ. އެގޮތުން މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޭދޫ އަދި ބިލެތްފަހި ޓީމެވެ. މި މެޗު 0-2 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައިވަނީ ފޭދޫ އެވެ. މިއަދުގެ މެޗުން ފޭދޫ ޓީމަށް މި ލިބުނު ކާމިޔާބީ އަށް ފަހު އެ ޓީމު މި ވަނީ ޖުމްލަ ހަތަރު ޕޮއިންޓާއި އެކު ޕޮއިންޓް ތާވަލުގެ ކުރިއަށް އަށް ޖެހިލާފައެވެ. އަދި މި މެޗަކީ ފޭދޫ ޓީމަށް ކާމިޔާބު ކުރެވުން ދެވަނަ މެޗު ވެސްމެ އެވެ.
ފޭދޫ ޓީމަށް މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބު ވެފައި ވަނީ ފުރަތަމަ ހާފުގެ ކުޅުމުގެ 20 މިނެޓް ހަމަވެ އިތުރު ވަގުތުގެ ކުޅުމުގެ ތެރެއިންނެވެ. މި ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ފޭދޫ ޓީމުގެ ޖާޒީ ނަންބަރު 33 އަޙްމަދު އަނާން އާދަމް އެވެ. އަދި ފޭދޫ ތީމުގެ ދެވަނަ ލަނޑު ޓީމަށް ޖަހައިދީފައި ވަނީ ޖާޒީ ނަންބަރު 4 އަޙްމަދު ފާއިން މުހައްމަދެވެ. ދެ ވަނަ ލަނޑުވެސް ފޭދޫ ޓީމުން ކާމިޔާބު ކޮށްފައި ވަނީ ފަހު ހާފުގެ 20 މިނެޓު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގެ ތެރެއިން ވަރަށް ހަނި ޖާގަ އަކުން ފޮނުވާލި ބޯޅަ އަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ފޭދޫ ޓީމުގެ ފާއިން ހޮވިފައިވާ އިރު، ފާއިން އަންނަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
މި މުބާރާތުގައި ފޭދޫ ޓީމުން ދެން ނިކުންނާނީ މި ގުރޫޕްގެ ދެ ވަނައިގައި އޮތް ފޯކައިދޫ އާއި ދެކޮޅަށެވެ. މި މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ހަވީރު 17:00 ގައެވެ. ބިލެތްފަހި ޓީމުން ވެސް އިތުރު މެޗަކަށް 26 ވަނަ ދުވަހު ނިކުންނަ އިރު މި މެޗުގައި ވާދަކުރާނީ ބިލެތްފަހި އަދި ފީވަކު ޓީމެވެ. މި މެޗު އޮންނާނީ އެދުވަހުގެ ހަވީރު 16:00 ގައެވެ