މިއިދު ހަވީރު ކުޅެވުނު ގުރޫޕް އޭ ގެ މިއަދުގެ ދެ ވަނަ މެޗުގައި ވާދަވެރި ގޮއިދޫ އާއި ބައްދަލު ކޮށް ކަނޑިތީމުން ކުރި ހޯދައިފި އެވެ. ގޮއިދު ދަނޑުގައި ކުޅެވުނު މި މެޗު ކަނޑިތީމުން ކާމިޔާބު ކޮށްފައި ވަނީ 0-1 ގެ ނަތީޖާ އަކުންނެވެ. މި މެޗަކީ މިހާ ތަނަށް ގޮއިދޫ މި މުބާރާތުގައި ބަލި ވެފައިވާ ފުރަތަމަ މެޗު ކަން ވެސް ފާހަގަ ކޮށްލެވެއެވެ.
ކަނޑިތީމައި ގޮއިދޫ ބައްދަލު ކުރި މެޗުގައި ވަނީ ފޯރި ގަދަ ކުޅުމެއް ދެ ޓީމުންވެސް ފެނިގެން ގޮސްފަ އެވެ. މި ދެ ޓީމަކީ ވެސް މި ގުރޫޕް ގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެ ޓީމެވެ. އަދި ތާރީޙްގެ ތެރެއަށް ބަލާލި ކަމުގައި ވިއަސް ވަރަހ ވާދެ ވެރި ގުޅުމެއް ފެނިގެން ދެ އެވެ. ގޮއިދޫ ޓީމަށް ސަޕޯޓު ކުރަން މިއަދު އެ ރަށުގެ ކުދި ބޮޑު އެތައް ބަޔަކު މެޗު ބަލަން ގޮސްފައިވާ އިރު ކަނޑިތީމުގެ ގިނަ ރައްޔިތުން ތަކެއްވެސް މިއަދު ވަނީ ޓީމަށް ސަޕޯޓު ކުރުމުގެ ގޮތުން ގޮއިދޫ އަށް ގޮސްފަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައި ނުވާ އިރު، މެޗުގައި ޖަހާފައިވާ ހަމަ އެކަނި ލަނޑު ކަނޑިތީމަށް ކާމިޔާބު ވެފައިވަނީ މެޗުގެ ކުޅުން ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނދު ކަނޑިތީމަށް ކާމިޔާބު ކޮށްދީފައި ވަނީ ކަނޑިތީމު ޓީމަށް ކުޅެމުން އަންނަ ޒުވާން ހުނަރުން ފުރިގެންވާ އެ ޓީމުގެ ޖާޒީ ނަންބަރު 8 ރަައުލް ނިޔާޒެވެ. އދި މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކަނޑިތީމު ޓީމުގެ ޖާޒީ ނަންބަރު 15 އާދަމް ތައުފީޤެވެ.
މުބާރާތު ގައި ގޮއިދޫ ޓީމުން ހަތަރު މެޗު ކުޅެފައިވާ އިރު ގޮއިދު ދެން ކުޅެން ހަމަޖެހިފައި ވަނީ ނޫމަރާ ޓީމާއި ދެކޮޅަށެވެ. މި މެޗު 26 ވަނަ ދުވަހުގެ ރޭގަނޑު 20:15 ގައި ކުޅުމަށް ތާވަލު ކުރެވިފައިވާ އިރު ކަނޑިތީމުން އެމީހުންގެ 6 ވަނަ މެޗުގައި ބައްދަލު ކުރާނީ ބިލެތްފަހި ޓީމާއި ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަ ޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދހުވަހުގައެވެ.