މިލައުތުރު ފުޓްސަލް ޓޯނަމެންޓް ގެ ގްރޫޕް ސްޓޭޖްގެ ގުރޫޕް އޭ ގެ 18 ވަނަ މެޗުގައި ގޮއިދޫ އާއި ދެކޮޅަށް ކުޅެ ނޫމަރާ ބަލިވެއްޖެ އެވެ. މި މެޗުން ނޫމަރާ ބަލިވެފައި ވަނީ 2-0 ގެ ނަތީޖާ އަކުންނެވެ. މި ނާކާމިޔާބީ އަށް ފަހު ނޫމަރާ މި ވަނީ ޖުމްލަ ހަ މެޗު ކުޅެ ތިން ޕޮއިންޓާއި އެކު ޕޮއިންޓް ތާވަލުގެ ހަތް ވަނައިގައި އޮވެ މުބާރާތަ ނިންމާލަން ޖެހިފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުވެ ހާފު ނިންމާލަން ޖެހުނު ކަމުގައި ވިއަސް ދެ ޓީމުން ވެސ ވަނީ ވާދެ ވެރު ކުޅުމެއް ދައްކާ ހޫނު ހަމަލާތަކެއް ބަދަލު ކޮށްފައެވެ. އަދި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ވެސ ދެ ޓީމުން ވަނީ އުފައްދާފައެވެ. މެޗުގެ ފުރަތަމަ ޕެނަލްޓީ އޭރިއާ ތެރެއިން ހުރަސް ކޮށް އައި ބޯޅައެއް ގޯލައިގެ ތެރެއަށް ފޮނުވައިލައިގެން ގޮއިދޫ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 17 އިބްރާހިމް ޢަލީ އެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ގޮއިދޫ ޓީމަށް ނަތިޖާ ފުޅާކޮށްދީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 22 މުޙައްމަދު އިޒާން އެވެ. މި މެޗުގެ މޭން އޮފް ދަ މެޗުކަން ލިބިފައި ވަނީ ގޮއިދޫ ޓީމުގެ އިބްރާހިމް ޢަލީ އަށެވެ.
ގޮއިދޫ އިން މި މުބާރާތުގައި ނިކުންނާނީ ފޭދޫ ޓީމާއި ދެކޮޅަށެވެ. މި މެޗު 27 ވަނަ ދުވަހަށް ތާވަލު ކޮށްފައި ވާ އިރު، ނޫމަރާ ޓީމަށް މި ވަނީ މި މުބާރާތް ނިންމާލަން ޖެހިފައެވެ.