“މިލައުތުރު ފުޓްސަލް ޗެލެންޖް 2023” ގެ ގުރޫޕް ބީ ގެ ވިހިވަނަ މެޗުގައި ފުނަދުއާއި މާއުނގޫދޫ ބައްދަލުކުރި މެޗު 5 – 2 ގެ ނަތީޖާ އަކުން ފުނަދޫ ކާމިޔާބު ކޮށްފިއެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ފުނަދޫ ޓީމުންނެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަޙްމަދު ހަމީޝް އެވެ. މެޗުގެ 8 ވަނަ މިނެޓް ގައި އޭނާ އިތުރު ލަނޑެއް ޖަހައި ފުނަދޫގެ ލީޑު ފުޅާކޮށްދިނެވެ. އޭގެ 2 މިނެޓު ފަހުން މާއުނގޫދޫއިން ލަނޑެއްޖަހައި ފަރަގު ކުޑަ ކުރިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ފުނަދޫ ޓީމުގެ އަބްދުﷲ ޒަމީން ލަނޑެއް ޖެހި އެވެ. ފުރަތަމަ ހާފު ނިމުނީ 3 – 1 ން ފުނަދޫ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން 3 ވަނަ މިނެޓް ގައި މާއުނގޫދޫ އިން ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަ ކުރިއެވެ. މިލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޙަސަން ހާއިދެވެ. އޭގެ 7 މިނެޓް ފަހުން މެޗުގެ 30 ވަނަ މިނެޓުގައި އަދި މެޗުގެ 31 ވަނަ މިނެޓުގައި ފުނަދޫގެ ޢަބްދުﷲ ޒަމީން އިތުރު ދެ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކުރިއެވެ. މެޗުގެ މޮޅުން ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާއެވެ.
މިމެޗުން ބަލިވި މާއުނގޫދޫއަށް ކާމިޔާބު ކުރެވުނީ އެންމެ މެޗެކެވެ. އެއީ އެޓީމުން މަރޮށްޓާއި ދެކޮޅަށް ކުޅުނު މެޗެވެ. މިދިޔަ އަހަރުގެ މުބާރާތް އެޓީމުން ނިންމާލީ އެއްވެސް މެޗަކުން މޮޅެއް ނުލިބިއެވެ. ފުނަދޫ އިން މި މުބާރާތުގެ ކުއާރޓާފައިނަލްގައި ބައްދަލު ކުރާނީ ގުރޫޕް އޭގެ 3 ވަނަ ޓީމާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގޮއިދޫ ފުޓްސަލްދަނޑުގައެވެ.