ކުރީގެ ރައީސް މުޙައްމަދު ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް ހިންގުމުގެ އިސް މަޤާމުތަކަަށް މީހުން އިންތިޚާބުކުރުމަށް އިއްޔެގައި ބޭއްވުނު އިންތިޚާބު އޮޅާވާލާފައި ވާކަމަށް ބުނެ އެޕާޓީގެ އާންމު މެންބަރުން ޝަކުވާކުރަން ފަށައިފިއެވެ.
އެހާ މީހުންކޮޅު ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގެ ވަގުތީ ނަތީޖާ ސާފުނުވެ މެންދަން ވުމަކީ ބައެއް މީހުން ދެކޭގޮތުގައި ބޮޑު ގޯހެކެވެ. އެހެނީ އެމްޑީޕީ ނުވަތަ ޕީޕީއެމް ފަދަ ބޮޑު ސިޔާސީ ޕާޓީއަކުން ވެސް ނަތީޖާ ސާފުކުރުމަށް އެހާ ވަގުތެއް ނުނަގައެވެ. އަނެއްކޮޅުން އިންތިޚާބުތައް ހިންގުމަށް އެންމެ މޮޅުކަމަށް ދަޢުވާކުރާ ސާބެއާ ބައްޓެ ވެސް ހުރީ ހަމަ އެޕާޓީގައެވެ.
ފައިސަލް ކިޔާ ބޭފުޅަކު އެކްސްގައި ބުނެފައި ވަނީ ދަ ޑިމޮކްރެޓްސްގެ އެންމެ ފުރަތަމަ ރައީސްކަމަށް ޙުސައިން އަމްރު ހޮވިފައި ވާތީ ހަޖަމުނުވެގެން ވޯޓް އޮޅުވާލާފައި ވާކަމަށެވެ. އަދި އެޕާޓީގެ ސޯޝަލް މީޑިޔާ އެކްޓިވިސް ލޫކަސް ޖަލީލް ވެސް ނަތީޖާ އިޢުލާންކުރުން ލަސްވުމުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
ދަ ޑިމޮކްރެޓްސްގެ ވަޓްސްއެޕް ގްރޫޕްތަކުގައި ރޭގައި ވަރަށް ހަނގުރާމަ ބާރުކަމަށް ވެއެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުތައް ކުރުމާއި، ރައްދު ދިނުންތަކުގެ ސަބަބުން ދުން ބޯވެފައި ވާކަމަށެވެ. ޑިމޮކްރެޓްސް އަކީ އަދި 5،000 މެންބަރުން ވެސް ހަމަނުވާ ސިޔާސީ ޕާޓީއެކެވެ.