މިލައުތުރު

ވެރިކަން ހޯދަން ދޮގު މައްޗަށް ދޮގު ހަދަމުން ހަދަމުން ގޮސް ހެދިހާ ދޮގެއް ފަޅާއަރައިފި – ފައްޔާޒް

ޕީޕީއެމް/ޕީއެންސީން ވެރިކަން ހޯދީ ދޮގު މައްޗަށް ދޮގުހަދާ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށާއި، އެގޮތުން ހެދިހާ ދޮގެއް ފަޅާއަރައިފި ކަމަށާއި، ދެން ވެސް ރާއްޖެ ތަރައްޤީ ކުރެވޭނީ އެމްޑީޕީއަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން އަލްޢުސްތާޛް ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެހެން ވިދާޅުވީ އެފާޓީގެ ފަރާތުން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ކަމަށްވާ އާދަމް އާޒިމްގެ ކެމްޕެއިން ފެއްޓުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފައްޔާޒް އިތުރަށް ވިދާޅުވީ މިސަރުކާރުގައި އެއްވެސް ހިންގުންތެރިކަމެއް ވެސް ޤާބިލްކަމެއް ވެސް ނެތްކަމަށާއި، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރެވޭނީ އެމްޑީޕީއަށް ކަމަށާއި، އެފަދަ ހަރުދަނާ ޕްލޭނެއް އޮތީ އެމްޑީޕީގައި ކަމަށެވެ.

ޑރ. މުޢިއްޒުއަށް ކުރަން އެނގުނު ކަމަކީ މާލޭގެ މަގުތައް ވިއްކުން ކަމަށާއި، އެކަން ކިތަންމެހާ ވެސް ވަރަކަށް ކޮއްފިކަމަށާއި، މޭޔަރުކަމުގައި ހުންނެވި އިރު ސަރުކާރަށް ވުރެން ވެސް ސިޓީ ކައުންސިލް މުއްސަނދިކަމަށެވެ. އެފަދަ ބަޔަކަށް މާލޭގެ މައްސަލަތަކަށް ޙައްލެއް ހޯދައި ނުދެވޭނެކަމަށެވެ.

ދިވެހިރާއްޖޭގައި ހާހުން ދޮޅުހާހުން ތިބި އިންޑިޔާ ސިފައިން ކޮބައިތޯ އާއި، ޗާގޯސް މިހާރު ކޮބައިތޯ ސުވާލުކުރެއްވިއެވެ. އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއްކަމަށާއި، މާލޭގެ ރައްޔިތުން އެފަދަ ދަލެއްގައި ދެން ނުޖެއްސޭނެކަމަށެވެ. މާލޭ މޭޔަރުކަމުގެ މަޤާމް ބޮޑުތަނުން ކާމިޔާބު ކުރައްވާނީ އާދަމް އާޒިމް ކަމަށެވެ.